ބަރުދަން ލުއިކުރުމާއި ހަންގަނޑު އޮމާންކޮށްދޭ ކަމަށްބުނެ ބޭސް ވިއްކަމުންދާ އޮންލައިން ޕޭޖުތައް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓުކޮށް ވިއްކޭނީ ބޭހާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން، އެ އޮތޯރިޓީގައި ބޭސް އިމްޕޯޓުކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެން ކަމަށެވެ.
އޭގެ އިތުރުން، އިމްޕޯޓްކުރާ ހުރިހާ ބޭހަކީވެސް އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ރަޖިސްޓްރީކޮށް ރާއްޖެއަށް އިމްޕޯޓްކޮށް، ވިއްކުމަށް އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނިފައިވާ ބޭހަށް ވާންޖެހޭނެ ކަމަށެވެ.
ނަމަވެސް މިހާރަކަށް އައިސް، ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށް، ތަފާތު އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
”އެގޮތުން، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ Semaglutide އަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި، ހަމުގެ މައްސަލަ ތަކުގައި ބޭނުންކުރާ Azelaic Acid އަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއްކަމަށް ކްލެއިމްކޮށް، އޮންލައިން ޕޭޖްތަކުގައި އިޝްތިހާރުކޮށް، ވިއްކަމުން ގެންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ..،“ އެމްއެފްޑީއޭގެ އިއުލާނުގައި ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ އެފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުން ކުރަންޖެހޭ ހާލަތުގައި، އެކަމެއްގެ ހާއްސަ ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެންނުވާނެ ބޭހެއް ކަމަށާއި އަދި ހުރިހާ ފާމަސީތަކުންވެސް، އެފަދަ ބޭސްތައް ދޫކުރެވޭނީ ޑޮކްޓަރު ލިޔެދީފައިވާ ބޭސްސިޓީއަށް ކަމަށެވެ. އަދި ޑޮކްޓަރެއްގެ ލަފައާއި އިރުޝާދާއި ނުލައި، އެފަދަ ބޭސް ބޭނުންކުރުމުން، ހީވެސް ނުކުރާފަދަ ހިތާމަވެރި ޙާލަތަކަށް ހުށަހެޅުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް ބުންޏެވެ.
”ވީމާ، މި އޮތޯރިޓީން ނަގަންޖެހޭ ހުއްދަ ނުނަގައި ބޭސް އިމްޕޯޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާއި މެދު ބޭހާއިބެހޭ ގަވާއިދު ނަންބަރު: (2014/R-46) ގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަން އާއްމުކޮށް އަންގާ އިއުލާންކުރަމެވެ..،“ އެމްއެފްޑީއޭ އިން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެދޭ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.




ގުޅުންހުރި
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
އިންޑިއާއިން މަނާކުރި އެއްވެސް ބޭހެއް ރާއްޖޭގައި ނުވިއްކާ: އެމްއެފްޑީއޭ
ގޭގައި ހަދާ ކާބޯތަކެތި ދެން ވިއްކޭނީ ކޯހެއް ހަދައިގެން
އެމްއެފްޑީއޭ އުވާލައި އާ އެމްއެފްޑީއޭއެއް ރައީސް އުފައްދަވައިފި
ރޯގާއަށް ބޭނުންކުރާ އެލެގްރާ ބޭހުގައި ކޮލިޓީ މައްސަލަތަކެއް، ބޭނުންކުރުން މަނާކޮށްފި