ޕެންޝަން އޮފީހުގެ ޗެއާމަން އަހުމަދު އިނާޒް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން ފަންޑް ބޭނުންކުރަން ނިންމި މައްސަލައިގައި އިނާޒު އިސްތިއުފާ ދެއްވި އިރު، އެކަން ދިފާއުކޮށް އިނާޒު މީގެ ކުރިން ވަނީ ވާހަކަދައްކަވައިފަ އެވެ.
އޭނާ އޭރު ވިދާޅުވަމުން ގެންދެވީ ޕެންޝަން އޮފީހާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ޕޮލިސީތައް އަދި އެތެރޭގެ އުސޫލުތަކާ ވެސް ހިލާފަށް ޕެންޝަން ބޯޑާއި މެނޭޖްމަންޓުން އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ފަންޑުގެ ސަސްޓެއިނަބިލިޓީ އާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ޕެންޝަން ބޯޑުގެ ޗެއާޕާސަންގެ ހައިސިއްޔަތުން އޭނާގެ އެންމެ އިސް ވާޖިބު ކަމަށްވެސް އޭނާ އޭރު ވިދާޅުވި އެވެ.
ނަމަވެސް އިނާޒް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މެދުވެރިކޮށް ސަރުކާރު ފައިސާ ޗާޕު ކުރަން މަސައްކަތް ކުރުމަކީ ”އިގްތިސާދަށް މި ހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް“ ކަމަށެވެ.
”އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް ކަމަށް ޓެކްނިކަލީ ގަބޫލުކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާޕާސަން ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފިން،“ އިނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭ މައްސަލަ ހައްލުކުރަން އޭނާ މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް މަޝްވަރާކޮށްގެން ވެސް އެ މައްސަލަ ހައްލުނުވި ކަމަށެވެ.
”ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށްދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދުނު ކަމަށް އަޅުގަނޑަށް ގަބޫލުނުކުރެވޭ،“ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އިނާޒު ވިދާޅުވި އެވެ.
ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި އިނާޒު އިސްތިއުފާ ދެއްވި އިރު، ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ފައިސާ ޗާޕުކުރުމުގެ މުއާމަލާތާ ގުޅޭ ލިޔުމެއްގައި ސޮއިކުރައްވަން ދެކޮޅު ހެއްދެވުމަށްފަހު ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަން އޮފިސަރު ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ސަރުކާރުން ފައިސާ ޗާޕުކުރާ ކަމަށް އިމްރާން ވިދާޅުވާ އިރު، ސަރުކާރުން ހިންގަވާނީ ވައުދުވެވަޑައިގެންފައިވާ ގޮތަށް ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.




ގުޅުންހުރި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
އަދާލަތުގެ ރައީސަކަށް ޝިފާން
ވަކިކުރީ ގާނޫނީ ހަމަތަކުން ބޭރުން، އަބުރު ކަތިލުމުގެ ބޭނުމެއް ނެތް: ސާޖިދު
ހިޔާގެ އަލިފާނާ ގުޅިގެން 85 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ނުވިސްނަން: ޓްރަމްޕް
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަލުން ގުރު ނަގަން ފަށައިފި