ވެމްކޯ މުވައްޒަފުގެ މަރު: އެކްސްކަވޭޓަރު އޮޕަރޭޓް ކުރި މީހާއަށް ކުރަނީ ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ތުހުމަތު!

ތިލަފުށި ވެމްކޯގެ ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ސްރީ ލަންކާގެ ރައްޔިތަށް ތުހުމަތު ކުރަނީ ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ތުހުމަތުކަން އެނގިއްޖެ އެވެ

ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ގެއްލިގެން އުޅޭތާ ތިންވަނައަށްވީ ދުވަހު، 28 ޖަނަވަރީ 2026 ގައެވެ. ފުލުހުން ބުނެފައިވާ ގޮތުން އަމީން މިއާ މަރުވީ ކުނި ނަގަން އުޅުނު އެކްސްކަވޭޓަރެއްގެ ދަތްގަނޑުގައި ޖެހި ވެއްޓި ހިނގި ހާދިސާއެއްގައި ކަމަށެވެ.

އެހެންވެ ފުލުހުން ވަނީ އެކްސްކެވޭޓަރު އޮޕަރޭޓްކުރި ލަންކާގެ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ ހައްޔަރުކޮށްފަ އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހަތް ދުވަސް ޖަހައިފަ އެވެ. ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ގަސްދަކާ ނުލައި މީހަކު މެރި ކަމަށެވެ.

ފުލުހުން ކޯޓުގައި ބުނެފައިވަނީ ލަންކާ މީހާ ދުއްވި އެކްސްކަވޭޓަރަކުން ޖެހި މީހަކު މަރުވެފައިވާ ކަމަށާއި އޭނާ އެކްސްކަވޭޓަރު އޮޕަރޭޓް ކޮށްފައިވަނީ ބަލަންޖެހޭ ވަރަށް ނުބަލާ ކަމަށެވެ.

ފުލުހުން އިއްޔެ ބުނީ، އަމީން މިއާގެ މަރުގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ މަރުވުމަށް މެދުވެރިވެފައިވަނީ 26 ޖެނުއަރީ 2026 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ކަމަށެވެ.

އެ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.