ވެމްކޯ މުވައްޒަފުންނަށް މުސާރައިގެ ލަސްކަމެއް، މާދަމާގެ ނިޔަލަށް މުސާރަދީ ނިންމަނީ 

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މުސާރަދިނުމުގައި ލަސްތަކެއް ކުރިމަތިވެއްޖެއެވެ.

”ހަފްތާ“ އަށް ވެމްކޯގެ މުވައްޒަފަކު މައުލޫމާތުދިން ގޮތުގައި، މަސް ނިމުމުގެ ކުރިން މުސާރަ ޖަމާކުރަން އޮތް ނަމަވެސް، މިހާތަނަށް އަދި ޖެނުއަރީ މަހުގެ މުސާރަ ޖަމާކޮށްދީފައިވަނީ ބައެއް މުވައްފުންނަށެވެ.

އެކަމާ ގުޅޭގޮތުން ”ހަފްތާ“އަށް މައުލޫމާތުދެއްވަމުން ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ ޖެނުއަރީ މަހަށްވާ މުސާރަ ދިނުމުގައި، މާލޭ ސިޓީ ކައުންސިލު އަދި ޕްރައިވެޓް ސެކްޓާ ކަސްޓަމަރުންގެ އަތުން ވެމްކޯއަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

”މިވަގުތު ވެސް ބައެއް މުވައްޒަފުންނަށް ވަނީ ސެލެރީ ޑިޕޮސިޓް ކުރެވިފައި، އަދި މާދަމާގެ ނިޔަލަށް މުވައްޒަފުންނަށް މުސާރަދީ ނިމޭނެ،“ އޭނާ ވިދާޅުވީއެވެ.

ވެމްކޯގެ މުވައްޒަފުންގެ ރިޓާޔަމެންޓް ޕެންޝަނަށް ފައިސާ ގަވާއިދުން ޖަމާނުކުރެވޭ މައްސަލަ ވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ. އެ މުވައްޒަފުންގެ ރިޓާޔަމެންޓް ޕެންޝަނަށް ދައްކަންޖެހޭ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.

އެކަމާ ގުޅޭގޮތުން މިދިޔަ މަހުގެ 13 ގައި ވެމްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މުވައްޒަފުންގެ މުސާރައާއި މުވައްޒަފުންގެ އެލެވެންސްތައް ދެމުންދަނީ ކުންފުންޏަށް ލިބެމުންދާ އާމްދަނީއާއި ސަރުކާރުގެ ދޭ ސަބްސިޑީގެ ފައިސާއިން ކަމަށެވެ. ނަމަވެސް އެކި ފަރާތްތަކުން އެ ކޯޕަރޭޝަނުން ހޯދި ހިދުމަތްތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ވެމްކޯ އިން ބުނެފައިވެއެވެ.

ވެމްކޯއިން ހޯދާފައިވާ ހިދުމަތްތަކަށް މާލޭ ސިޓީ ކައުންސިލުން އެކަނި 98 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށްވެސް ކުރަމުންދާ ކަމަށެވެ. އަދި ޕެންޝަން ފައިސާ ޖަމާކުރުމުގައި ދަތިތަކެއް ދިމާވާތީ އެކަން ހައްލުކުރުމުގެ ގޮތުން ޕެންޝަން އޮފީހާއެކު މަޝްވަރާކުރަމުންދާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

ވެމްކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ދަތިތައް ދިމާވި ނަމަވެސް މުވައްޒަފުންގެ ޕެންޝަން ފައިސާ އަވަސް މުސްތަގުބަލެއްގައި ޖަމާކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.