ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ ހަލީމު އެންމެ ފަހުން އިސްތިއުފާ ދެއްވައިފި އެވެ.

ސުޖާތާ އިސްތިއުފާ ދެއްވީ ޕެންޝަން ފަންޑުން އިންވެސްޓްކޮށްފައިހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓް ކުރަން އެއޮފީހުގެ ބޮޑުން ނިންމިތާ މާގިނައިރުތަކެއް ނުވަނީއެވެ.

ސުޖާތާގެ އިސްތިއުފާއާ ގުޅޭ ގޮތުން މިހާތަނަށް އޭނާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި ޕެންޝަން އޮފީހުން ވެސް ވަކި އެއްޗެއް ނުބުނެ އެވެ.

ސަރުކާރުން ވިއްކި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމާ ގުޅިގެން، ޕެންޝަން އޮފީހުގެ ޗެއާޕާސަން އަހުމަދު އިނާޒް ވެސް ވަނީ މި ހަފުތާގައި އިސްތިއުފާ ދެއްފައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން އެ އިދާރާގައި މަސައްކަތް ކުރާ ބައެއް އިސް މުވައްޒަފުން ވެސް އިތުވި ދުވަސްތަކުގައި އިސްތިއުފާ ދީފައިވެ އެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ޕެންޝަން އޮފީހުގެ ބޯޑުން، އެ އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ އައްޔަން ކުރީ 31 އޮކްޓޯބަރު 2022 ގަ އެވެ.

ރާއްޖޭގައި ދެމެހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި މެދުނުކެނޑި 10 އަހަރު ސުޖާތާ ޚިދުމަތް ކުރައްވާފައިވެ އެވެ.

އެގޮތުން، ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުގެ އިތުރުން ވާރލްޑް ބޭންކުން ދިވެހިރާއްޖޭގައި ކުރިއަށް ގެންދެވި ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގެވުމާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނު އެކުލަވާލުމަށް ކުރެވުނު މަސައްކަތުގައި އަދި އެ ގާނޫނު ތަންފީޒު ކުރުމުގައި އިސް ދައުރެއް ވަނީ އަދާކުރައްވާފަ އެވެ.