މިހާތަނަށް 35،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

މިހާތަނަށް 35،132 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ސަރުކާރުން ދޫކުރާ މަސްދަޅު ކޭސްތައް 2024 އަހަރުން ފެށިގެން އަންނަނީ ދޫކުރަމުންނެއެވެ. އެގޮތުން ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، ކައުންސިލްތަކާއި، ޤައުމީ ދިފާޢީ ބާރާއި، އެކި އިދާރާތައް ގުޅިގެންނެވެ.

މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ މަގުންނެވެ. ފާއިތުވި ދެ އަހަރުގެ ތަޖުރިބާއަށް ބިނާކޮށް، މިއަހަރުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާނޭކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އެގޮތުން، މަސްދަޅު ކޭސް ބަލައި ދިއުމަށްޓަކައި ”ރޯދަ ހަދިޔާ“ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމާއި ޓޯކަން ނެގުމުގެ ނިޒާމެއް ވަނީ ތައާރަފްކޮށްފައެވެ.

މި ޕޯޓަލް މެދުވެރިކޮށް، ކޭސް ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރެއިން އެ މީހަކަށް އެންމެ ފަސޭހަ ދުވަހަކާއި ވަގުތެއް އިޚްތިޔާރުކޮށް ޝެޑިއުލް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ކިއޫގައި މަޑުކުރަން ނުޖެހި، ކަނޑައެޅިފައިވާ ގަޑިއަށް، އެ ފަރާތަކަށް އެންމެ ކައިރި މަރުކަޒަކުން ހަދިޔާ ބަލައިގަތުމަށް މަގުފަހިވެގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މި އަހަރުގެ އިންތިޒާމުތަކާ މެދު އާންމު ރައްޔިތުންގެ ހިތްހަމަޖެހުން އޮތްކަން ސޯޝަލް މީޑިއާގެ އެކި މަންސަތަކުން ވެސް ފާހަގަކުރެވެއެވެ.

Leave a Reply