ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ވައިގެ މަގުން ބެލެހެއްޓުމަށް އުފެއްދި ސިފައިންގެ އެއާކޯގެ ހިދުމަތާއެކު ގަވާއިދާ ހިލާފަށް ރާއްޖެ ވަންނަ އުޅަނދުތައް މަދުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާކޯ އުފެއްދެވީ 15 މާރިޗު 2024 ގައި ނެރުއްވި ގަރާރަކުންނެވެ. އެއާކޯ އުފެއްދެވީ 10 ޖޫން 2024 ގައެވެ. އަދި ފުރަތަމަ އެއާ ސްޓޭޝަން ”ގަން އެއާ ސްޓޭޝަން“ އިފުތިތާހުކުރީ 5 ނޮވެންބަރު 2025ގައެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގައްސާން ވިދާޅުވީ، އެއާކޯގެ ހިދުމަތާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ގަވާއިދާ ހިލާފަށް ވަންނަ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.
”ކޯސްޓްކާޑް މެދުވެރިކޮށް އިންޓަސެޕްޓް ކޮށްގެން މި ހިފާ ގާނޫނާއި ގަވައިދާ ހިލާފަށް އަޅުގަނޑުމެންގެ އިގުތިސާދީ ސަރަހައްދު ތެރޭގައި ހަރަކާތްތެރިވާ މަސް ބޯޓުތައް ހިފުމުގެ ހުރިހައި އޮޕަރޭޝަންއެއްގައިވެސް ވައިގެ ސަރވޭލަންސް ލިބިފައިވޭ. މިކަން ރާއްޖޭގައި ފައްޓައިފިކަން ދުނިޔެއަށް އިނގިގެންދިއުމުން އަޅުގަނޑުމެންނަށް ފެންނަ ޓްރެންޑަކީ ގާނޫނާއި ގަވައިދާ ހިލާފަށް އިޤްތިޞާދީ ސަރަހައްދު ތެރޭގައި ހަރަކާތްތެރިވާ މަސް ބޯޓުތައް މަދުވަމުންދާކަން.“ ގައްސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވާފައިވާ ގޮތަށް މި ވަގުތު މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އުތުރުގައާއި ދެކުނުގައި އެއާ ސްޓޭޝަންތައް ގާއިމުކުރުމަށް ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި އުތުރުގައި ގާއިމުކުރާ އެއާ ސްޓޭޝަން، ށ. ފުނަދޫގައި ގާއިމުކުރުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި
ގައިދީންނާއި އޮފިސަރުން ވެގެން ހިންމަފުށީ ސްކޫލަށް 130 މޭޒު ޖަހައިދީފި
ސަރުކާރުން ވިޔަފާރިތަކާ ވާދަވެރިވުމަކީ އިގުތިސާދީ ހަމަތައް ފުނޑުފުނޑު ކޮށްލާނެ ކަމެއް: ޝާހިދު
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި