ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި

ތުއްތުކުދިންގެ ފޯމިޔުލާ އުފައްދާ ބޭބީބަޔޯ މަރުކާގެ ބައެއް ބެޗްތަކުން ވިހަ މާއްދާއެއް ފެނިފައިވާތީ، ބޭބީބަޔޯގެ 2 އުފެއްދުމެއް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، ފަރަންސޭސިވިލާތުގައި އުފައްދާ ބޭބީބަޔޯ މަރުކާގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން ”ސެރެއުލައިޑް“ ކިޔާ ވިހަ މާއްދާއެއް ފެނިފައިވާތީ، އެ އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުމަށް އަދި ނައްތާލުމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާއިން އަންގާފައިވާކަމުގެ މަޢުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑްގައި އާންމުކޮށްފައިވާކަމަށެވެ.

”ސެރެއުލައިޑް“ އަކީ ބެސިލަސް ސިރިއަސް ޖަރާސީމު އުފައްދާ ވިހަ މާއްދާއެއްގެ ގޮތުގައި އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ. މި މާއްދާއިން ތަޣައްޔަރުވެރިވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެނަމަ، މޭނުބައިކޮށް ހޮޑުލުން، އަދި ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެ އޮތޯރީން ވިދާޅުވެއެވެ.

މި ވިހަ ފެނިފައި ވަނީ ’ބޭބީބަޔޯ އޮޕްޓިމާ 1‘ ގެ 400 ގްރާމްގެ 900932 ބެޗާއި 800 ގްރާމްގެ 894408 ބެޗުންނެވެ. އަދި ’ބޭބީބަޔޯ ކެޕްރިއާ 1‘ ގެ 800 ގްރާމްގެ 900035 ބެޗާއި 899014 ބެޗުން ވެސް މި ވިހަ ވަނީ ފެނިފައެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މި އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުން އެމްއެފްޑީއޭއިން ވަނީ މަނާކޮށްފައެވެ.