ޖަރުމަނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ރައީސް ޝްޓައިންމަޔާގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
މި ދަތުރުފުޅުގެ ބައެއްގެ ގޮތުގައި ބާލިންގައި ހުންނަ ހުމްބޯލްޑްޓް ޔުނިވާސިޓީއަށް ވަޑައިގެން ”މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ“ ހިއްސާކުރައްވައި އެ ޔުނިވާސިޓީގައި ރައީސް ތަގުރީރުކުރައްވާނެ އެވެ. އަދި ޖާމަން ކައުންސިލް ފޮ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި އެ ތަނުގައިވެސް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.



