ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަން ބާއްވާ ރިޔާސީ އިންތިހާބާ އެކު ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ގާނޫނުއަސީސާއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ދައުރުން ބޭރުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. ހަމަ އެ ޖަލްސާގައި ޕީއެންސީގެ މެންބަރުން ވޯޓު ދެއްވައިގެން އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެ ބިލު މިއަދު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް، އެއްވެސް އިސްލާހެއް ނުގެނެސް އެވެ.
މި ބިލުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ.
މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންޖެހޭ ތާރީހު 1 ޑިސެމްބަރަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ. އޭރުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 1 ޑިސެމްބަރު 2028 އަށެވެ.
މިހާރު ގާނޫނު އަސާސީގައި އޮންނަ ގޮތުން މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރު އެވެ.



