މީހެއްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލި އެކްސިޑެންޓަށް 7 އަހަރު ފަހުން މީހަކަށް ހުކުމްކޮށްފި

މީގެ ހަތް އަހަރު ކުރިން މާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މީހަކު ޖޫރިމަނާކޮށްފި އެވެ.

މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި/ ރަސްރީތި، އަލީ މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާ އަލީ މުހައްމަދުގެ މައްޗަށް ކުރީ 26 ޖޫން 2018ގެ ދަންވަރު 12:49 އެހައިކަންހާއިރު، ބޮޑުތަކުރުފާނުމަގުގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން، އޭނާގެ ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވަމުން ދަނިކޮށް، އެ މަގުން ދިޔަ އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވުމުގެ ސަބަބުން އެ ސައިކަލު ދުއްވަން އިން މީހާގެ ބޮލުގެ ނާށިގަނޑު ރެނދުލައި، ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ދައުލަތުން ހުށަހެޅި މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުލަތުން ދައުވާ ކުރި އަލީ މުހައްމަދު ވަނީ އޭނާގެ މައްޗަށް ކުރެވުނު ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ.

ދައުލަތާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމާއެކު އޭނާގެ އަދަބު ޝަރިއަތުން ވަނީ ލުއިކޮށްދީފަ އެވެ. އެގޮތުން މި މައްސަލައިގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އެކަމަކު އަދަބު ލުއިކޮށް، އެ ހުކުމްވަނީ 115،200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް ދީފަ އެވެ. އެ ޖޫރިމަނާ ދައްކަން ކޯޓުން އަންގާފައި އޮތީ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ.