ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް އެފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް ރީ-ރެޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ. މި މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ އެ ކޮމިޝަންގެ my.elections.gov.mv އަދި form.elections.gov.mv މެދުވެރިކޮށް ރީ-ރަޖިސްޓްރީ ވުމަށް ފޯމު ހުށައެޅޭނެކަމަށެވެ.
”މައި-ޕޯޓަލް ނަމަ ޖެހޭނީ ވެރިފައިޑް އީފާސް އެކައުންޓަކުން ލޮގިން ވާން. ފޯމްސްޑޮޓްއިލެކްޝަންސް އިން ނަމަ އައިޑީ ކާޑްގެ ދެފުށުގެ ކޮޕީއާއި ފޮޓޯއެއް ހުށައަޅަން ޖެހޭނެ. ހުށައަޅާ މަޢުލޫމާތު ވެރިފައިކޮށްފައި، ރީރަޖިސްޓަރވިކަން ނުވަތަ މައްސަލައެއް އުޅޭނަމަ އަންގާނީ އެސްއެމްއެސްއިން އަދި މައި-ޕޯޓަލް މެދުވެރިކޮށް.“ އިލެކްޝަންސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.
މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށްފަހުއެވެ.




ގުޅުންހުރި