ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން ލަފާ ހޯދަނީ 

އަހަރަކަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެކަމުގެ އުންމީދެއް ނެތް މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހަޅާފައިވާ ބިލަށް މުއައްސަސާތަކުގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ޕެންޝަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.

އެ ބިލު ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ޕެންޝަން އޮފީހާއި ނޭޝަނަލް ޕޭ ކޮމިޝަން އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ލަފާ ހޯދުމަށް ނިންމައިފައެވެ.

ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވީ އެ ތިން މުއައްސަސާގެ ބޭފުޅުންނާއެކު މާދަމާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިނެވެ.

ޕެންޝަން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައިވާ ގޮތުން ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ 65 އަހަރުވުމުން ކަމަށްވީ ނަމަވެސް، ޓާމިނަލް އިލްނަސްގެ ހާލަތުގައި ތިބޭ މީހުންނަށް އެ އުމުރު ހަމަނުވިޔަސް އެ ފައިސާ ނެގިދާނެ އެެވެ.

އެ މާއްދާގައި ”ޓާމިނަލް އިލްނަސްގެ ހާލަތް“ ކަމަށް ބުނަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް، އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތެވެ.

އެފަދަ ހާލަތެއްގައިވާ މީހަކު ޕެންޝަން ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ނަގަން އެދޭ ނަމަ، އެމީހަކު ކަނޑައަޅާ އަދަދެއްގެ ނުވަތަ އެ އެކައުންޓުގައި ހުންނަ ހުރިހާ ފައިސާއެއް އެއްފަހަރާ ވެސް ނެގިދާނެ ކަމަށް ބިލުގައިވެއެވެ.