ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް 

ނީލަމުގައި ވިއްކަން އިއުލާންކޮށްފައިވާ ހުއިފިލަނޑާތަކަކީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ތަކެތި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އިއްޔެ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަށް ވައްތަރެއްގެ ހުއިފިލަނޑާ، ނީލަމުގައި ވިއްކާލަން ބޭނުންވާކަން އިއުލާންކޮށްފައެވެ.

ފުލުހުން މިއަދު ބުނީ ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، މިދިޔަ ޑިސެމްބަރު 31 ގައި ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގައި ތުހުމަތުކުރެވިފައިވަނީ، މިދިޔަ ޑިސެމްބަރު 29 ގައި ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި، އެ ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމުލަ 1,438 ކިލޯ ހުރި އިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލި އިރު، އެ ވިޔަފާރި ކުރި ފަރާތްތަކަކީ ”ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާ ބެހޭ ގަވާއިދު“ ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށެވެ.

އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން، ދެ ފަރާތުންވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އެ ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ މިހާރުވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތް ތަކެތި ކަމަށްވާތީ، އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

”ޕީޖީ އޮފީހުން މިކަމާ ގުޅޭގޮތުން ދެއްވާފައިވާ ލަފާގައިވަނީ، ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތު ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްހަ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމަ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި މިލްކުވެރިކަމާ މެދު ހިލާފު އުފެދި، ހަގީގީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، އެ މުދާ އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް މިވަގުތު ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ..“ ފުލުހުން ބުންޏެވެ.

އެހެންކަމުން، މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ލަފާދީފައިވާ ކަމަށާއި އެގޮތަށް ބަހައްޓާ ފައިސާ، މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް، މުދަލުގެ ބަދަލެއްގެ ގޮތުގައި ދޫކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ލަފާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި މިދިޔަ މަހުގެ 26 ގައި ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ފަދައިން، އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ޝަރީއަތުން ނިންމަވާފައިވާ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ނެރެދެވޭނެ ހާލަތެއް ނެތް ކަމަށް ވެސް ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.