މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް 

މާލީ އަހުލާގު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށާއި ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު އިތުރުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖަރުމަނަށް ރައީސް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބާލިންގައި ކުރިއަށްގެންދިޔަ، މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން 2040 ވަނަ އަހަރަށް ކުރާ ތަސައްވުރަކީ ދިވެހި އިގުތިސާދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކުރުމަށާއި، ގައުމީ ތަރައްގީއަކީ ތިމާވެށި ހިމާޔަތްކޮށްދީ، ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް ކުރިއެރުން ގެނުވާކަމެއް ކަމުގައި ކަށަވަރުކޮށްދިނުމަށް ކަނޑައަޅާފައިވާ އަޒުމެއް ކަމަށެވެ.

އެގޮތުން މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރުފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި، އާންމު ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. އަދި ރަރައީސް ވަނީ، ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައިފައެވެ.

އޭގެ އިތުރުން ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މާލީ އަހުލާ ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށް ވިދާޅުވެފައެވެ. އެފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން، ރާއްޖެއާ މެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު އިތުރުވެ، ގޫގްލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި އިސްވެސްޓްކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަކަތައިގެ ރައްކާތެރިކަމާއި، ހަކަތައިގެ އަގުތަކަކީ، ރާއްޖެއަށް ހައްސާސް ގޮންޖެހުމެއް ކަމަށާއި އެނާޖީ ޓްރާންސިޝަންގެ ދާއިރާއަކީވެސް އުފެއްދުންތެރިކަން ބޭނުންވާ ދާއިރާއެއް ކަމަށެވެ.

އަދި ސޯލާ ސިޓީ ފަދަ މަޝްރޫއުތަކުގެ އަމާޒަކީ ހަމައެކަނި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ނޫން ކަމަށާއި، ޖަޒީރާތަކާއި އައްސޭރިފަށުގެ ވަސީލަތްތަކަށް ބަރޯސާވާ ދުނިޔޭގެ އިގުތިސާދުތަކަށް، އަތްފޯރާފަށުގެ ދެމެހެއްޓެނިވި، އަދި ނަކަލުކުރެވޭ ފަދަ ހައްލުތަކެއް އުފެއްދުމަކީވެސް، އެފަދަ މަޝްރޫއުތަކުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ވަނީ، އެފަދަ އަމަލީ އަދި އިތުރަށް ތަނަވަސްކުރުމުގެ ފުރުސަތު ހުރި ހައްލުތައް ރާއްޖޭގައި ތަހުލީލުކުރެވިދާނޭކަން ފާހަގަކުރައްވައިފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ އިންވެސްޓަރުންނާއި، ޓުއާ އޮޕަރޭޓަރުންނާއި، މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ފާހަގަކޮށްލެވޭ ދައުރުގެ މައްޗަށްވެސް ރައީސް ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި 2027 ވަނަ އަހަރަކީ ”ވިޒިޓް މޯލްޑިވްސް އިއަރ“ ކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވެ، އެ ހަރަކާތުގައި ބައިވެރިވުމަށް، ޖަރުމަނުގެ އިންވެސްޓަރުންނަށް އެ މަނިކުފާނު ވަނީ ދައުވަތު އަރުވައިފައެވެ. އަދި އިންވެސްޓްކުރުމުގެ އާންމު މޮޑެލްތަކުގެ އިތުރުން، ދާދި ފަހުން އިފުތިތާހުކުރި، ޕްރޮޖެކްޓް އައިލާ – ސަސްޓެއިނަބަލް ޓައުންޝިޕް ފަދަ މަޝްރޫއުތައްވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

އޭގެ އިތުރުން ހާއްސަ ހިދުމަތްތައް ތަރައްގީކޮށް، ބޭސްފަރުވާއަށް އެހެން ގައުމުތަކަށް ދާންޖެހޭ މިންވަރު މަދުކޮށްގެން، ރާއްޖޭގެ ސިއްހީ ހިދުމަތް ޒަމާނީކޮށް ފުޅާކުރުމާ ބެހޭގޮތުން އެ މަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. އަދި މި ދާއިރާގައި ޖަރުމަނުގެ މަހާރަތާއި ރާއްޖޭގެ މަސްލަހަތު އެއްއުއިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވާހަކަފުޅުގައި ވަނީ، މާލީ ދާއިރާގައި ހުރި އިންވެސްޓްކުރުމުގެ ފުރުސަތުތަކަށްވެސް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ރާއްޖޭގެ އަމާޒަކީ ދިގުމުއްދަތުގެ ބައިވެރިވުންތަކަށް ޖާގަދޭ ފަދަ، ދެފުށްފެންނަ، ނަތީޖާ އަންދާޒާކުރަން ފަސޭހަ އަދި ގަވާއިދުތަކެއްގެ މައްޗަށް ބަރޯސާވާ މާލީ ވެއްޓެއް ފޯރުކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ތަޖުރިބާ އާއި ފަންނިންޔާތު އެކުލަވާލުމުގައި ޖަރުމަނުގެ ތަޖުރިބާ އާއި ދެ ގައުމުން ހިއްސާކުރާ މަސްލަހަތުތަކުގެ އަލީގައި، ޖަރުމަނަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ ތަބީއީ ބައިވެރިއެއް ކަމަށް ވިދާޅުވަމުންނެވެ.