ފަހި ފްލެޓު ސަރަހައްދު ”ގޮނޑުކޮށްލި“ މައްސަލައިގައި ޖޫރިމަނާކުރަން ފަށައިފި 

ފަހި ފްލެޓުތަކުގެ ތިރިއަށާއި އެކި ތަންތަނަށް ކުނި އެޅި މީހުން ޖޫރިމަނާކުރަން ފަށައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތަކުގެ ތިރިއަށް ކުނި އަޅައި، މުޅި ސަރަހައްދު ”ގޮނޑުކޮށްލި“ މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން އެފްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހައުސިން ޔުނިޓުތަކުގެ އާންމު ސަރަހައްދުތަކާއި އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ކުނި އުކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވާ ކަމަށާއި ގަވާއިދާ ހިލާފަށް ކުނި އުކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، އެފްޑީސީން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖޫރިމަނާ ކުރަމުންދާނެ ކަމަށެވެ. އަދި ޖޫރިމަނާ ތަންފީޒުކުރަން ފަށާފައިވާ އިރު، އުސޫލާ ހިލާފުވި ބައެއް ފަރާތްތަކާ މެދު ފިޔަވަޅު އަޅައި މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށް އެފްޑީސީން ބުންޏެވެ.

އެފްޑީސީން ބުނީ އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން، ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެއީ އެ ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވައިދާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެފްޑީސީން ބުންޏެވެ.

އިމާރާތްތަކުގެ ކޮރިޑޯތަކާއި، ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާ ކަމެއް ކަމަށާއި ގޭބީސީތަކުން އުފެދޭ ކުނި އުކާލަން ވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ”ގާބޭޖް ރޫމް“ ތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކުނިވަށިތަކަށް ކަމަށް އެފްޑީސީން ބުންޏެވެ.

އެފްޑީސީގެ ބަޔާނުގައި ބުނީ ޔުނިޓުތަކަށް އަލަށް ބަދަލުވާ އިރު، އުފެދޭ ފޮށިގަނޑާއި ފުޅިމަދު އަދި އެ ނޫންވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.