ދައުލަތުގެ ވަޒީފާތަކުގައި ތިބޭ މީހުންނަށް މުސާރަދެނީ ރައްޔިތުން ކަމަށާއި އެހެންކަމުން ވަޒީފާ ގެއްލިދާނެކަމުގެ ބިރު ގަންނަން ނުޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ދ. ކުޑަހުވަދޫން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހުކުރަން ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ ސަރުކާރުން ހުރިހާ އެންމެންނަށް ވަޒީފާ ދިނުމުގެ ސަބަބުން ކަންނެތްކަން އިތުރުވެފައިވާ ކަމަށެވެ.
ވަޒީފާގެ ބިރުވެރިކަން އެއްވެސް ބަޔަކު ބޭނުން ނުވާނެ ކަމަށާއި އެ ބިރުވެރިކަން ދިވެހިން ނިންމާލާފައިވާ ކަމަށެވެ. އަދި އެންމެންގެ ވޯޓު އެމްޑީޕީއަށް ހޯދައިދިނުމަށް ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.
ފައިސަލް ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރި ގޮތަށް މަސައްކަތްކުރުމަކީ އަބަދު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އޭރު ގާނޫނުއަސާސީ އިސްލާހުކުރުމަށްޓަކައި ދިވެހިން ކުރި މަސައްކަތްތަކުގެ ތެރެއިން އެތައް ބަޔަކު ޖަލަށްލައި، މުދާތައް ގެއްލި، އެތައް އުނދަގުލެއް ކުރިމަތިވި ކަމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލާ ބިލު ސަރުކާރުން ފާސްކުރި ގޮތަށް ކަންކަން ކުރާ ނަމަ، ރިޔާސީ ދައުރު ވެސް ދަންމާލާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.




ގުޅުންހުރި