ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރިން ދަތުރުކުރަމުން ދަނިކޮށް، މިއަދު މެންދުރުފަހު އަލިފާން ރޯވި ”ފްރެޝް ފްރޮމް ދަ ސީ“ ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯނީގެ ބައެއް ތަކެތި އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެ ދޯނީގައި ހުރި ބައެއް ތަކެތި ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން އެ ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށްދިޔަ ސަރަހައްދުން ފެށިގެން ދެކުނަށް ކަމަށެވެ.
އެހެންކަމުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށާއި ހާއްސަކޮށް އެ ސަރަހައްދުން ރޭގަނޑު ދަތުރުކުރާ ނަމަ އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ދަންނަވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ 15 މީހުން ދަތުރުކުރަމުންދިޔަ އެ ދޯނިން އަނިޔާވި ފަސް މީހަކު މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާ ކަމަށާއި އެއީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ދީފައެއް ނުވެއެވެ.



