ގެދޮރުވެރިޔާ ސްކީމް: މިހާތަނަށް 3600 އަށް ވުރެ ގިނަ ފަރާތްތަކާއި ފުލެޓް ހަވާލުކޮށްފި

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން މިހާތަނަށް 3600 އަށް ވުރެ ގިނަ ފްލެޓު އެފުލެޓްތަކުގެ ހައްގުވެރިންނާއި ހަވާލުކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ އެފަރާތްތަކާއި ތަޅުދަނޑި ޙަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުންދަނީ ކުރަމުންނެވެ. ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ފްލެޓު ލިބުނު ފަރާތްތަކަށް އެތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިއާއެކު އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ފްލެޓުތައް ދިނުމަށް ކަނޑައަޅަމުންދިޔަ ފަރާތްތަކަށް ވީހާވެސް އަވަހަކަށް އެއްބަސްވުން އެކުލަވާލާ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީންވަނީ ކޮށްފައެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ މިހާތަނަށް 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި މީގެތެރެއިން 3647 ފަރާތަކަށް މިހާރު ތަޅުދަނޑި ޙަވާލުކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ތަޅުދަނޑިއާއި ހަވާލުވާން ނާދެވޭ ފަރާތްތައް ތިބިކަން ހަމްދާން ފާހަގަކުރެއްވިއެވެ.

އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގެ ތެރޭގައި ހިމެނެނީ 16 ފަންގިފިލާގެ 32 ޓަވަރެވެ. މީގެތެރޭގައި 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނެއެވެ. ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަމުންދަނީ އެތަންތަނުގެ ފެނާއި ކަރަންޓު ގުޅައިދިނުމަށްފަހުގައެވެ. އެފްޑީސީންދަނީ އަލަށް އެސަރަޙައްދަށް ބަދަލުވަމުންދާ ފަރާތްތަކަށް ފަސޭހަވާނެހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.