އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އަޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލުމާއި ގުޅިގެން ނަން ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވެވީ، އަލްއުސްތާޒު ރިފްޢަތު ޢަބްދުﷲގެ ނަމެވެ.
މިމައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމީޓީން އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އާ ކުރި އިންޓަވިއުގައި 84 އިންސައްތައަށްވުރެ ގިނަ މާކްސް އޭނާ ވަނީ ހޯދާފައެވެ. އަދި ޝަކުވާ ހުޅަހެޅުމަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފަވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރިން ކުރައްވާފައިވާ ރިފްޢަތު ޢަބްދުﷲ އެ ކޮމިޝާނުގެ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 58 މެންބަރުންގެ ވޯޓުންނެވެ.



