މާދަމާއަކީ މުލަ ރޯދަ ދުވަސް

މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފިއެވެ.

ހަނދާ ބެހޭ ގަރާރު އިއްވާފައިވަނީ، ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހަނދާ ބެހޭ ގަރާރުގައި ވަނީ މިއަދުގެ އިރުއޮއްސުމުގެ ފަހުން ރާއްޖެއަށާއި ބައެއް އިސްލާމީ ގައުމުތަކަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވެފައިވާ ކަމަށެވެ.

”..ފަލަކީ ހިސާބުތަކުން ކަށަވަރުވެފައިވާތީއާއި ބައެއް އިސްލާމީ ގައުމުތަކަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަން އިތުބާރު ހުރި މަސްދަރުތަކުން ސާބިތުވާތީ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާ، މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވާ ބުދަ ދުވަހަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ކަނޑައަޅައިފީމުއެވެ،“ ގަރާރުގައިވެއެވެ.