ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އެމީހެއްގެ އަމިއްލަ ނަފުސާ ހަމައިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައީސް މިރޭ ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ވިދާޅުވީ ހެޔޮކަމުގެ މޫސުން ބައްދަލުކުރިއިރު، މުޖުތަމައުން ދެކެން ބޭނުންވާ، ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުރި ކަމަށާއި އެގޮތުން ދީނީކަންކަމާއި، އާދަކާދައިގެ ކަންކަމާއި އުސޫލާއި ގާނޫނާއި ގަވާއިދަށް ބޯލެނބުން ހިމެނޭ ކަމަށެވެ.
ފަސްވަގުތު ނަމާދުކުރާ މުޖުތަމައެއް، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ، ބޮޑެތި މީހުންނަށް އިހުތިރާމުކުރާ މުޖުތަމައެއް އަދި މަސްތުވާތަކެތިން ސަލާމަތްވެފައިވާ ސިއްހީގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމައެއް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށްހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި، ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމައެއް އަޅުގަނޑުމެން ދެކެން ބޭނުންވާ ކަމަށެވެ.
ވީމާ، މިކަންކަން އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސާ ހަމައިން ފަށަމާތޯއެވެ! މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ގައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހަދަމާތޯއެވެ!،“ ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް، މުލަ ރޯދަ ދުވަހަކީ މާދަމާއެވެ.



