ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް މިއަދު އިއުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައިވާ ގޮތުގެ މަތިން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނެގުމަށް އިއުލާންކުރާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނެރުއްވާފައިވާ އެ ގަރާރަކީ ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުގެ ކުރިން، އެ އިސްލާހު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި، ރައްޔިތުން ދެކޭގޮތް ބަލައި، ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ނެރުއްފައިވާ ގަރާރެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވާ ސުވާލަށް ރައްޔިތުން ރުހޭތޯ ބެލުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، އަންނަ އެޕްރީލް މަހުގެ 04 ވާ ހޮނިހިރު ދުވަހުގެ 08:00 އިން 16:00 އަށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއެކުއެވެ.
އީސީން ބުނީ ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގައި ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު ކަމަށާއި އަދި އެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 11 ވާ ހޮނިހިރު ދުވަހު ކަމަށެވެ.
އެ ވޯޓުނެގުމުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މާދަމާ ހެނދުނު 10:00 އިން ފެށިގެން މިމަހުގެ 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމައިފައެވެ.
އީސީން ބުނީ ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކޮށް، އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އެ ކޮމިޝަނުގެ، ’ރީ-ރަޖިސްޓްރޭޝަން ޕޯޓަލް‘ form.elections.gov.mv ނުވަތަ ’މައި ޕޯޓަލް‘ my.elections.gov.mv މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ޗެކްކުކުރުމަށް ބޭނުންވާ ފަރާތްތަކުން VR (Space) NID ޖެހުމަށްފަހު 1414 އެސްއެމްއެސް ފޮނުވުމުން ޗެކްކުރެވޭނެ ކަމަށް އީސީން ބުންޏެވެ.




ގުޅުންހުރި
ކައުންސިލުތަކާއި ޑަބްލިޔުޑީސީ އިންތިހާބުގައި ވާދަކުރަން 1700 އަށްވުރެ ގިނަ ފޯމު
ލޯކަލް ކައުންސިލު އިންތިހާބަށް އީސީން ޓިކްޓޮކް މުބާރާތެއް
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން