ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 32 ޕަސަންޓް އިތުރުކުރަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
އެމްއެމްއޭއިން ބުނީ އެގޮތަށް ނިންމާފައިވަނީ އިއްޔެ ކަމަށާއި އެ ނިންމުމަކީ ރޯދަ މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.
އިއްޔެއިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް އަމަލުކުރާ އެ ހާއްސަ އުސޫލުގެ ދަށުން، މަރުކަޒީ ބޭންކުން ބޭންކުތަކަށް އާންމު އުސޫލުގެ ދަށުން ވިއްކާ މިންވަރަށްވުރެ 32 އިންސައްތަ އިތުރުކުރާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ ބޭންކުތަކަށް ޑޮލަރު އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުރުމަށް މިކަމުން މަގުފަހިވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މިއީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިން ނިޒާމަށް އެހީތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.



