ތިން ކިލޯއަށްވުރެ ގިނަ ޑުރަގާއެކު ދިވެއްސަކާއި އޭނާ ގެންގުޅޭ ބިދޭސީ މުވައްޒަފު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގއ. މާމެންދޫ/ ފިޔާތޮށިވިލާ، އަޒުހަދު ނަސީމް، 28އ. އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް، 36އ. އެވެ. އެނގިފައިވާ ގޮތުގައި ބަންގްލަދޭޝް މީހާއަކީ މި މައްސަލައިގައި ހައްޔަރުކުރި އަޒުހަދުގެ މުވައްޒަފެކެވެ.
ފުލުހުން އިއްޔެ ބުނީ، އެ ދެ މީހުން ހައްޔަރުކުރީ ޑުރަގް ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަނުގައި ޑުރަގް ފެނިފައިވަނީ ދެ އުޅަނދެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަނީފް ފަސް ދުވަހަށް އަދި އަޒުހަދު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.



