ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި 

ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1994 ވަނަ އަހަރުގެ ޑިސެމްބަރު 29 ގައި ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީހުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ހިދުމަތް ދީފައިނުވާ ކަމަށެވެ.

”ނަމަވެސް، 20 ފެބްރުވަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައިވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ހިދުމަތް ދޭން މިވަނީ ފަށާފައި،“ އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ހުކުރު ޖުމްލަ 14 ޓްރާންސްފިއުޝަން ހެދި ފަސް ފަރާތަކުން ލޭ ހަދިޔާކޮށްފައިވާ ކަމަށާއި މި ރަމަޟާން މަސް ނިމުމުންވެސް ހުކުރު ދުވަހު، ވަކި ގަޑިތަކެއްގައި ލޭ އެޅުމުގެ ހިދުމަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.

އޭގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭންުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށްވެސް ހުކުރު ދުވަހު ލޭ ހަދިޔާކުރަން އައުމަަށް ފަސޭހަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.