އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި

އެމްބިއުލާންސަކަށް ޖާގަ ނުދީ ޕިކަޕަކުން މުދާ ހުސްކުރަން މަޑުކޮށްގެން އޮތް މައްސަލައިގައި އެ ޕިކަޕުގެ ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހަނި މަގެއްގައި ކުޑަ ޕިކަޕެއް މަޑުކޮށް މުދާ ހުސްކުރަމުންދާ އިރު، ފަހަތުން އެމްބިއުލާންސް ސައިރަން އަޅަމުންދާ އަޑު އިވެއެވެ.

މުދާ ހުސްކުރުމަށްފަހު އެ ޕިކަޕް ދުއްވާލީ ކުޑައިރުކޮޅެއް ފަހުންނެވެ. އަދި އެ ޕިކަޕުގެ ފަހަތުގައި އިތުރު ޕިކަޕްތަކާއި ކާރެއް އަދި ސައިކަލުތައް ވެސް އެމްބިއުލާންސްގެ ކުރިއަށް އޮވެއެވެ.

އެކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ނަމަ، މިނިސްޓްރީން އެ ފަރާތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން މިރޭ ބުނީ ޕިކަޕް ދުއްވި ޑްރައިވަރު 750 ރުފިޔާ އިން ޖޫރިމަނާކޮށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.