ރޭޕްގެ ތުހުމަތަކާ ގުޅިގެން، ޕީ.އެސް.ޖީ ތަރި ޙަކީމީ ޝަރީޢަތާ ކުރިމަތިލާން ޖެހިއްޖެ

ޕީ.އެސް.ޖީ އަށް ކުޅެމުން އަންނަ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަޝްރަފް ޙަކީމީގެ މައްޗަށް ކުރެވިފައިވާ ރޭޕްގެ ތުހުމަތާ ގުޅިގެން، އޭނާ ޝަރީޢަތާ ކުރިމަތިލާން ޖެހިފައިވާކަން ހާމަވެއްޖެއެވެ.

މޮރޮކޯގެ ޤައުމީ ޓީމުގެވެސް މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޙަކީމީ، ސޯޝަލް މީޑިއާގައި ޕްލެޓްފޯމެއްކަމުގައިވާ ’އެކްސް’ގައި އަންގާރަ ދުވަހު ކުރި ޕޯސްޓެއްގައި ވަނީ އޭނާއަށް ކުރެވޭ ރޭޕްގެ ތުހުމަތުތަކަށް އިންކާރުކޮށް، އެކަންކަން ދޮގުކޮށްފައެވެ.

ޙަކީމީް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށް، އެއީ ދޮގު ވާހަކަތަކެއްކަން ސާފްކޮށްދޭން މަސައްކަތް ކުރިނަމަވެސް ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ.

”މިއީ ކުށެއް ނެތް މީހުންނަށް ކުރެވޭ ބޭއިންސާފެއް ފަދައިން، ހަގީގީ އަނިޔާ ލިބޭ ފަރާތްތަކަށް ވެސް ކުރެވޭ ބޭއިންސާފެކެވެ. އަހަރެން މިހުރީ ވަރަށް ކެތްތެރިކަމާއެކު މި ޝަރީއަތަށް އިންތިޒާރުކޮށްގެންނެވެ. މީގެ ސަބަބުން ހަގީގަތް ހާމަވެގެންދާނެއެވެ.“ ހަކީމީ ބުނެފައިވެއެވެ.

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ ނެންޓެރޭ ޕްރޮސެކިއުޓަރީ އޮފީހުން މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވަނީ 2023 ވަނަ އަހަރު ކުރި ރޭޕްގެ ތުހުމަތަކާ ގުޅިގެންނެވެ. އަދި މިދިޔަ އަންގާރަ ދުވަހު ޕްރޮސެކިއުޓަރުން ވަނީ ޙަކީމީގެ މައްސަލަ ޝަރީއަތަށް ފޮނުވާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ޙަކީމީގެ ވަކީލު ފެނީ ކޮލިން ވިދާޅުވީ، ޝަރީއަތް ހިންގަން އަމުރުކޮށްފައިވަނީ ހަމައެކަނި އަންހެނެއް ދެއްކި ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެ އަންހެން މީހާ ވަނީ ތަހުގީގަށް ހުރަސްއަޅައި، މެޑިކަލް ޓެސްޓުތަކާއި ޑީއެންއޭ ޓެސްޓު ހެދުމަށްވެސް ދެކޮޅު ހަދާފައިވާއިރު، އޭނާގެ ފޯނު ޗެކްކުރުމަށާއި މުހިންމު ހެކިވެރިއެއްގެ ނަން ހާމަކުރުމަށް ވެސް އިންކާރުކޮށްފައިވާ ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.

މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު ރޭޗަލް-ފްލޯރޭ ޕާޑޯ ވިދާޅުވީ، މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމުމުން އޭނާގެ މުވައްކިލަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލަ ކުރިއަށް ގެންދިއުމުގައި އަދުލު އިންސާފުގެ ނިޒާމުން ދައްކަމުންދަނީ ނަމޫނާ މަސައްކަތެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Leave a Reply