ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯ އިން މިއަދު ބުނީ, ރޯދަމަހު އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ހެޔޮކޮށް ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފިޔާ އަދި އަލުވީގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފައިވާ ކަމަށެވެ.
އެގޮތުން ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު ވިއްކަމުންދަނީ 10 ރުފިޔާއަށެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު ވަނީ 250 ރުފިޔާ އިން 160 ރުފިޔާއަށް ހެޔޮކޮށްފަ އެވެ. އެއީ 90 ރުފިޔާގެ ހެޔޮވުމެކެވެ.
އަލުވީގެ އަގަށް ގެނައި ބަދަލާއެކު ކުރިން 14 ރުފިޔާއަށް ލިބުނު ކިލޯއެއް މިހާރު ގަންނަން ލިބޭނީ 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ވަނީ 300 ރުފިޔާ އިން 190 ރުފިޔާއަށް ހެޔޮކޮށްފި އެވެ. އެއީ 110 ރުފިޔާގެ އަގުހެޔޮވުމެކެވެ.
އެސްޓީއޯ އިން އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އާންމުންނަށް ވަކިން ގަންނަން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުންނެވެ. ހޯލްސޭލްކޮށް މި ތަކެތި ވިއްކަމުންދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުންނެވެ.
އެސްޓީއޯ އިން ބުނީ, ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއްހަމައެއްގައި ބެހެއްޓުމަށާއި ރައްޔިތުންނަށް ދަތިކަމެއް ނެތި އެ ތަކެތި ލިބޭނެ މަގު ފަހުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.



