ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ވިހާފައި މަގުމައްޗަށް ދޫކޮށްލި ނިޒާމެއް: ޝިޔާމް 

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ބަނޑުއަޅައި ދަރިއެކޭ އެ ޕާޓީން ބުނަމުންދިޔަ ނަމަވެސް، އެއީ އެ ޕާޓީން ވިހާފައި މަގުމައްޗަށް ދޫކޮށްލި ނިޒާމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ކުޅުދުއްފުށި ސިޓީ މާލެ ކެމްޕެއިން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ވާދަވެރިން ވަރަށް ގަދައަށް ލާމަރުކަޒީ ނިޒާމުގެ ވާހަކަދައްކަވަމުންދާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމަކީ ތިމަންނަމެން ބަނޑުއަޅައި ވިހެއި ދަރިއެކޭ އެބަ ކިޔާ. އަޅުގަނޑު މި ހިތަށް އަރަނީ ކޮން ގޮތަކުން ބާއޭ މި ބޭފުޅުން މިހެން ވިދާޅުވީ. ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަވަން ވެސް ފެށީ މި ބޭފުޅުންނެއް ނޫން. އެބޭފުޅުން އެހެން ވިދާޅުވާ ކަމަށްވަންޏާ، އަޅުގަނޑު ދޭން އޮތް ކްރެޑިޓަކީ މީގައި ވިހައިފި ކަމަށްވަންޏާ، ވިހާފައި މަގުމައްޗަށް ދޫކޮށްލި ނިޒާމެކޭ މިއީ އެބޭފުޅުން،“ މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީން އެ ނިޒާމަށް ކުރިއެރުމެއް ގެންނަން މަސައްކަތްކުރި ތަން ފެނިފައިނުވާ ކަމަށާއި އެހެން ނޫން ނަމަ، ކައުންސިލަރުން މަސައްކަތްކުރާ ޖާގައެއް ނެތުމުން 100 އެތައް ރަށެއްގައި މި ސަރުކާރުން ކައުންސިލު އިދާރާ ހަދަން ނުޖެހޭނެ ކަމަށެވެ. އަދި ކައުންސިލު އޮފީސްތައް ހައްދަވައިދެއްވާ ބޭފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ގިނަ ރަށްރަށުގެ ރައްޔިތުން އެ ރަށްތަކުގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމަށް ބޭނުންވާ ކަަމަށާއި އެކަމަށް ވެސް މަސައްކަތްކުރައްވަނީ ރައީސް މުއިއްޒު ކަމަށެވެ. އަދި ކައުންސިލުތައް ބާރުވެރިކުރުމަށް ކައުންސިލުތަކުގެ އިހުތިސާސްގެ ތެރެއަށް ފަޅުރަށްތައް ހިމެނުމާއި، މާލީގޮތުން ބާރުވެރިކުރުވި ރައީސަކީ ވެސް ރައީސް މުއިއްޒު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މީގެ ކުރިން ނަމެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ތައް އޮތް ނަމަވެސް، ދެން ހޮވޭ ޑަބްލިޔުޑީސީތައް ބާރުވެރިވާނެ ކަމަށާއި އެ ކޮމިޓީތަކުގެ ރައީސާއިންނަކީ ރަނގަޅު މުސާރައެއްގައި ފުލްޓައިމް މުވައްޒަފުންނަށްވުމުން ފެންވަރު ރަނގަޅު ބޭފުޅުން އެ މަގާމުތަކުގައި ތިއްބަވާނެ ކަމަށެވެ.