އެމެރިކާގެ ހަމަލާ ސްކޫލަކަށް އަމާޒުވެ، އިރާނުގެ ފަސް ކުއްޖަކު މަރުވެއްޖެ 

އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާ އިރާންގެ ސްކޫލަކަށް އަމާޒުވެ، ފަސް ކުއްޖަކު މަރުވެއްޖެއެވެ.

އިރާނާއި އެމެރިކާއާ ދެމެދު މިހާރު ހަމަލާތައް ބަދަލުކުރަމުންދާ އިރު، އިރާނުން ހަމަލާތައް އަމާޒުކުރަމުންދަނީ ގަލްފްގެ ގައުމުތަކުގައި ހިންގާ އެމެރިކާގެ ބޭސްތަކަށެވެ. އެމެރިކާއިން ދަނީ ތެހެރާން ހިމެނޭހެން އިރާންގެ ސިޓީތަކަށް ހަމަލާދެމުންނެވެ.

އިރާންގެ ދައުލަތުގެ މީޑިއާ އައިއާރްއެންއޭ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގެ ހަމަލާއެއް ވަނީ މިނާބްގައި ހުންނަ އެލިމެންޓަރީ ސްކޫލަކަށް އަމާޒުވެފައެވެ. އެ ހަމަލާގައި ފަސް ކުއްޖަކު މަރުވެފައިވާ އިރު، މިހާތަނަށް އިތުރު އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓުކޮށްފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިރާނުން ފޮނުވާލި ހަމަލާއެއް އިޒްރޭލުގެ ނުވަ ފަންގިފިލާގެ އިމާރާތެއް އަމާޒުވެ، އެކަކު ވަނީ މަރުވެފައެވެ. އަދި ޔޫއޭއީއަށް ދިން ހަމަލާގައި ވެސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެ އިތުރުން އިރާގުގެ ހާޝިދް ޝާބީ ދެ ފައިޓަރަކު މަރުވެ، ތިން ފައިޓަރަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިހާރު ކުރިއަށްދާ ހަމަލާ ބަދަލުކުރުންތަކުގައި މަރުވާ މީހުންގެ އަދަދު އަދި އިތުރުވާނެއެވެ.