ހަނގުރާމައާ ގުޅިގެން ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއް 

އިޒްރޭލާ ގުޅިގެން އެމެރިކާއިން އިރާނަށް ހަމަލާދިނުމާއެކު ފެށުނު ހަނގުރާމައާ ގުޅިގެން ދިވެހީންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަމަށް ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައިވާގޮތުން، މިއަދު މެންދުރުފަހު ރައީސް އުފެއްދެވި އެ ކޮމިޓީގައި ނުވަ ވަޒީރަކު ހިމެނިވަޑައިގަންނަވައެވެ. އެއީ؛

  • ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް (ކޮމިޓީގެ ޗެއާ)
  • ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން
  • ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
  • ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން
  • ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އެމެރިކާ އާއި އިރާނާ ދެމެދު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާކޮށްފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގައި މިއަދު ފަށާފައިވާ ހަނގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާއު ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

”ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތުތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި އެގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސްކުރަމެވެ،“ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ސަރަހައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާ ކަމަށެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަހައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އެދި ދަންނަވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް:

  • ދޯހާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896+
  • ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97126740200+
  • ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477+
  • މިނިސްޓްރީގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)، އީމެއިލް: consular@foreign.gov.mv