ސައުދީ އަރަބިއްޔާއަށް ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ކަނޑައަޅައިިިފިއެެވެ.
ސައުދީ އަރަބިއްޔާއިން މިއަދު އިއުލާނުކޮށްފައިވާ ގޮތުގައި، ޝައްވާލު މަހުގެ ހަނދު ފެނިފައިނުވާތީ، ފިތުރު އީދުގެ ފުރަތަމަ ދުވަހަކީ މާޗު 20 ވާ ހުކުރު ދުވަހެވެ.
ހަނދު ބެލުމުގެ ކޮމިޓީން ބައްދަލުކޮށް، އާ ހަނދު ފެނިފައިނުވާކަން ކަށަވަރުކޮށްދީފައިވުމާއެކު 30 ދުވަހުގެ ރޯދައަށް ފަހު ސައުދީއަށް މާދަމާ މިއަހަރުގެ ރަމަޟާން މަސް ނިމުނީއެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ވެލްފެއާ އިން ވަނީ، އަމިއްލަ ފަރާތްތަކާއި ނޮން-ޕްރޮފިޓް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އީދު ބަންދު ފެށޭނީ މިރޭ ކަމަށާއި ސައުދީގެ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެ ބަންދު ހަތަރު ދުވަހަށް ދެމިގެންދާނެ ކަމަށް އިއުލާނުކޮށްފައެވެ.
އެ މިނިސްޓްރީގެ ތަރުޖަމާނު މުހައްމަދު އަލް ރުޒައިގީ ވިދާޅުވީ، އެކަމުގެ ސަބަބުން އީދު ބަންދުގައި މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރަމުން، މުހިންމު ދާއިރާތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ޝެޑިއުލްތައް ރޭވުމުގެ ފުރުސަތު ކުންފުނިތަކަށް ލިބޭނެ ކަމަށެވެ.



