ނ. މިލަދޫގައި ސިފައިންގެ މީހަކު އޭނާގެ ދޮންދަރި އާ ބެހުނުކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ވަކި ރަށެއްގެ ނަން ހާމަނުކޮށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ހަފްތާއަށް ވިދާޅުވީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، އިތުބާރުކުރެވޭ މަގާމެއްގައިހުރެ، 18 އަހަރުގެ އަންހެން ކުއްޖަކަށް، ކުޑައިރުން ފެށިގެން އެކިދުވަސް މަތިން ތަކުރާރުކޮށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭމައްސަލައެއް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެ ފިރިހެން މީހާ އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.
މިލަންދޫން ’ހަފްތާ’އާ ވާހަކަދެއްކި އެ އަންހެން މީހާގެ އާއިލާ މީހަކު ބުނީ، އެ ފިރިހެން މީހާ، ޖިންސީ ގޯނާކުރަމުންދާކަން ފަޅާއަރުވާލީ އާއިލާ އެއްވުމެއްގައި ޖިންސީ ގޯނާ ލިބެމުންދިޔަ އަންހެން މީހާ ކަމަށެވެ. އަދި އެކަން އެނގުމުން ފިރިހެން މީހާގެ އެއްޗެހި ގެއިން ބޭރަށް އުކާލައި ގެއިން ބޭރުކޮށްލި ކަމަށްވެސް ބުންޏެވެ.
މަގުމައްޗަށް އުކާލި އެއްޗެހީގެ ތެރޭގައި އެ ފިރިހެން މީހާގެ ސިފައިންގެ ޔުނީފޯމްވެސް ހިމެނެ އެވެ.



