ބޫޓާން އަތުން އެއްވަރުވެ، ރާއްޖެއަށް އިތުރު އުނދަގޫތަކެއް

ރާއްޖޭގައި ކުރިއަށްދާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މީގެ ކުރިން ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް

ރާއްޖޭގައި ކުރިއަށްދާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން އެއްވަރުވެ، ރާއްޖެއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި މިރޭ ބޫޓާންއާ ދެކޮޅަށް ނުކުތް އިރު، ދެ ޓީމު ވެސް ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. ރާއްޖޭގެ ފުރަތަަމަ މެޗުގައި ބަލިވީ ސްރީ ލަންކާ އަތުންނެވެ. އަދި ބޫޓާނުން ފުރަތަމަ މެޗުގައި ބަލިވީ ނޭޕާލް އަތުންނެވެ. މިރޭގެ މެޗުގައި ބޫޓާން އަތުން ރާއްޖެ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ”ގްރޫޕު އޭ“ގެ އެ މެޗުގެ ކުރީކޮޅުގައި ބޫޓާނުން ކުރިއަށް ޖެހި ކުޅެމުންދިޔަ ނަމަވެސް، ރާއްޖޭގެ ގޯލެއް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. ރާއްޖޭގެ ކުޅުންތެރިން ކައުންޓާ އެޓޭކުތަކަށް މަސައްކަތްކުރަމުން ދިޔަ އިރު، ރާއްޖޭގެ ފަރާތުން މިސް ޕާސްތައް ގިނަކަން ފާހަގަކޮށްލެވުނެވެ.

ރާއްޖެއިން ކުޅުން ރަނގަޅުކޮށް، ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓާއި 25 ވަނަ މިނެޓުގައި ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާނަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނެވެ. ޕެނަލްޓީ އޭރިއާ ބޭރުން އިލާން ފޮނުވާލި ހަމަލާ ބޫޓާންގެ ގޯލާ އަމާޒުވެފައި ނުވާ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ދެވަނަ ހަމަލާ އަމާޒުވީ ބޫޓާން ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފު ފެށިތާ ތިން މިނެޓު ފަހުން ރާއްޖޭގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ހިލޭ ޖެހުމަކުން ރާއްޖޭގެ އަހުޒަމް ރަޝީދު ފޮނުވާލި ހަމަލާ ބޫޓާންގެ ކީޕަރު ޓަންޑިން ޕެންޖޯރް މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޔޫސުފް އަޔާން އާމިރު ފޮނުވާލި ބޯޅައިގައި ބާރެއް ނެތެވެ.

ނޭޕާލުން ކުރިއަށް ޖެހި ކުޅެމުންދަނިކޮށް، ރާއްޖޭގެ ކައުންޓާ އެޓެކެއްގައި އަޔާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ނަސާހް އިބްރާހިމް ނާސިރު ފޮނުވާލި ހަމަލާ، ބޫޓާންގެ ކީޕަރު ޓަންޑިން ޕެންޖޯރް ކުރިއަށް ނުކުމެ ވަނީ މަތަކޮށްފައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ނޭޕާލުގެ އެޓޭކެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބްލޮކްވެގެން ލިބުނު ބޯޅައަކުން ހުސް ހުރެ ބޫޓާންގެ ކެޕްޓަން ރިންޒިން ޑޯޖީ ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

އޭގެ ފަހުން ރާއްޖެ އަދި ބޫޓާނަށް ވެސް މާގިނަ ހުސް ފުރުސަތުތަކެއް ލިބިފައިނުވި ނަމަވެސް، ދެ ޓީމުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ދެ ޓީމުން ކުޅެމުންދިޔައީ ޑިފެންސަށް ވެސް ވަރަށް ބޮޑަށް ސަމާލުކަން ދީގެންނެވެ.

މިދިޔަ ހޯމަ ދުވަހު ރާއްޖޭގައި ފެށި އެ މުބާރާތުގެ ”ގްރޫޕު އޭ“ގެ އެއްވަނައިގައި ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު ނޭޕާލު އޮތް އިރު، ދެވަނައިގައި އޮތް ލަންކާއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތިންވަނައިގައި އޮތް ރާއްޖެ އަދި ހަތަރުވަނައިގައި އޮތް ބޫޓާން، އެއިން ކޮންމެ ޓީމަކަށް ވެސް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެވެ. ނޭޕާލުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވާ އިރު، ރާއްޖެއަށް އުންމީދެއް ލިބެން އޮތީ ގްރޫޕުގެ ފަހު މެޗުގައި ނޭޕާލް ބަލިކޮށްގެންނެވެ. އަދި ނޭޕާލް ބަލިކުރުމަށްފަހު ވެސް، ރާއްޖެއިން ލަންކާ އާއި ބޫޓާން ކުޅޭ މެޗަށް އިންތިޒާރުކުރަން ޖެހޭނެއެވެ. ލަންކާ ބަލިކޮށްގެން ބޫޓާނަށް ވެސް ފުރުސަތެއް އެބައޮތެވެ.

އެ ގްރޫޕުގެ ފަހު މެޗުގައި އަންނަ ހުކުރު ދުވަހުގެ ހަވީރު 3:45 ގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ އިރު، އެ ރޭ 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބޫޓާނާއި ލަންކާއެވެ.

މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ ”ގްރޫޕު ބީ“ގެ މެޗެކެވެ. މާދަމާ ހަވީރު 3:45 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ޕާކިސްތާނެވެ. ދެން އެ ގްރޫޕުގައި ހިމެނެނީ ބަންގުލަދޭޝްއެވެ. ޑިޕްލޮމެޓިކް ހަމަނުޖެހުންތަކާ ގުޅިގެން އެންމެ ޝައުގުވެރި ގްރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ވެސް އެ ގްރޫޕެވެ. ބަންގުލަދޭޝް އާއި އިންޑިއާގެ ގުޅުން ހީނަރުވެފައިވާ އިރު، ޕާކިސްތާނާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ ހަމަނުޖެހުން އޮވެއެވެ.