ރައީސް ވިދާޅުވީ ބިއްލޫރި ޓަނަލުގެ ދިރާސާތައް ދަނީ ކުރިއަށް ކަމަށް

ފުށިދިއްގަރުފަޅުގައި ހިއްކާ ރަސްމާލެ އާއި މާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލުމުގެ ބިޔަ މަޝްރޫއުގެ ދިރާސާތައް ކުރަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވި އިރު, ރަސްމާލެ އާއި މާލެ ކަނޑުއަޑީގެ ޓަނަލަކުން ގުޅާލުމުގެ ބިޔަ މަޝްރޫއުގެ ފަންނީ އަދި އިނޮވޭޓިވް މަސައްކަތް ފެށިފައިވާ ކަމަށާއި ގާބިލު ކުންފުނިތަކާ އެކީގައި ފީސިބިލީޓ ހެދުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެ މަނިކުފާނު ވަނީ 22 ޖަނަވަރީ 2024 ގައިވެސް ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ, ރަސްމާލެއާއި މާލެއާ ދެމެދުގައި އަޅަން އެ މަނިކުފާނު ވިދާޅުވި ކަނޑުއަޑީގެ ޓަނަލްގެ މަސައްކަތުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާރު އިސްކަންދެނީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތަށް ކަމަށް ވިދާޅުވި އެވެ.

”އޭގެ (ބިއްލޫރި ޓަނަލްގެ) ހަމަ ފަންނީ މަސައްކަތްތައް ކުރަމުން ދަނީ ހަމަ. ދިރާސާ މަސައްކަތްތައް. ދެން އަޅުގަނޑުމެން އިސްކަންމިދެނީ ބިން ހިއްކަން. ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރު އޮތީ އެތާ މިހާރު. ހަމަ ހަގީގަތުގައި ވެސް މި ދެންނެވީ ވޮލިއުމް ވައިސް އަދި ސައިޒް ވައިސް ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރު އޮތީ މިހާރު ފުލްޓައިމް އެ ހިއްކަނީ ރަސްމާލެ. އަދި އިތުރު ޑްރެޖަރަކުން ވެސް އެބަ ދޭ މަސައްކަތް. ޖުމްލަ ތިން ޑްރެޖަރު އެ މަސައްކަތް ކުރަމުން ދަނީ ރަސްމާލޭގައި،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރުވެސް ރަސްމާލޭގެ ގާތްގަނޑަކަށް 400 ނުވަތަ 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ބިން ހިއްކައި ނިމިފައިވާއިރު، އެއާއެކީގައި ދެން ހުރި ޕްލޭނިން މަސައްކަތްތަކަށް އިސްކަން ދެމުންދާ ކަމަށެވެ.

28 އޮކްޓޫބަރު 2024 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބިއްލޫރި ޓަނަލާ ގުޅިގެން އިންފްރާންސްޓްރަކްޗާ މިނިސްޓަރު އަބްދުالله ވަނީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެއާ ހަމައަށް ޓަނަލެއް އެޅުމަކީ މީގެ ކުރިން ދުނިޔޭގައި ކޮށްފައިނުވާ ފަދަ ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެއީ ޓައިމްލައިނެއް ހަދައިގެން ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓެއް ނޫން ކަމަށާއި އެއީ އެއަށްވުރެ މާއާދަޔާ ހިލާފު މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ.