އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ފަށާ ކަމަށް ހީވިއަސް ތަފުސީލު ބެލީމަ އެކަން ސާފުވާނެ: ރައީސް

ކުރީ ސަރުކާރުގައި އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ފެށި ގޮތާ މި ސަރުކާރުން މަޝްރޫއުތައް މިހާރު ފަށަމުންދާ ގޮތާ އެއްގޮތް ގޮތެއް ހުރި ނަމަވެސް އެ މަޝްރޫއުގެ ތަފުސީލުތައް ބެލުމުން އެކަން ސާފުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް މީހުން ނަގަމުންދާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އެގޮތުން މި މަހުގެ ތެރޭގައި އެކަނިވެސް އެމްޓީސީސީން 1,000 އަށްވުރެ ގިނަ ވަޒީފާއަށް ހުޅުވާލާފައިވާކަން ނޫސްވެރިން ފާހަގަކުރި އެވެ.

އެކަމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ, އެމްޓީސީސީއާ ހަވާލުކޮށްފައިވާ ވަރަށް ގިނަ މަޝްރޫއުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު, ހުއްޓިފައިވާ މަޝްރޫއުތަކާއި މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

”އިންތިހާބާ ދިމާކޮށް ކުއްލިއަކަށް ގޮސް ކަނޑަޖަހައިގެން އެކަހަލަ ކަމެއް ނުހުންނާނެ. ބޭރުފުށުން ބަލާއިރު ތި ވިދާޅުވި ކަހަލަ ގޮތަކަށް ސިމިލާރިޓީސްތަކެއް ހުއްޓަސް ޑީޓެއިލްކޮށް ބައްލަވާލެއްވީމަ ފެނިވަޑައިގަންނަވާނެ މިއިން ކޮންމެ މަޝްރޫއުއެއް މިއީ ކޮންއިރަކު ކިހިނެތް ފެށިފައި އޮތް މަޝްރޫއުއެއްތޯ,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ރާއްޖޭގެ އެކިކަންކޮޅުތަކުގައި 2,300 އެއްހާ މަޝްރޫއު މިހާރުވެސް ހިންގަމުންދާއިރު އެ މަޝްރޫއުތަކަށް މުވައްޒަފުން ނަގާނެ ކަމަށެވެ.