އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ފަސް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ރައީސުުންގެ މަގާމުތައްވެސް އިދިކޮޅު ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހޯދައިފި އެވެ.
އިއްޔެ މުޅި ރާއްޖޭގައި ބޭއްވި ޑަބްލިޔުޑީސީގެ އިންތިހާބުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން، މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލައް އަދި އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސް މަގާމު ވެސް ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ.
ސިޓީތަކުގެ ޑަބްލިއުޑީސީގެ ރައީސްކަމަށް އިންތިހާބުވި ބޭފުޅުން:
- މާލެ ސިޓީ: އައިޝަތު ރީޝާ
- ފުވައްމުލައް ސިޓީ: މަރިޔަމް ޝިއުނާ
- ތިނަދޫ ސިޓީ: މަރިޔަމް ޝަރޫނާ
- ކުޅުދުއްފުށި ސިޓީ: އައިމިނަތު އިބްރާހިމް
- އައްޑޫ ސިޓީ: ފާތިމަތު ހިޖުރާ (ހިޖޫ)
ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލޭގެ މޭޔަރުގެ ގޮނޑި އާދަމް އާޒިމް ކާމިޔާބުކުރެއްވި އިރު، ފުވައްމުލައް ސިޓީގެ މޭޔަރުގެ މަގާމު ކާމިޔާބު ކުރެއްވީ އިސްމާއިލް ރަފީއު އެވެ. އައްޑޫ ސިޓީގެ މޭޔަރުކަން އަލީ ނިޒާރު ކާމިޔާބު ކުރެއްވި އިރު، ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމަށް އިންތިހާބުވީ މުހައްމަދު އާތިފް އެވެ. އަދި ތިނަދޫ ސިޓީގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވީ ސައުދު އަލީ އެވެ.
މި ފަސް ބޭފުޅުންނަކީވެސް މޭޔަރުކަމުގެ ގޮނޑި މިދިޔަ ދައުރުގައިވެސް ފުރުއްވި ބޭފުޅުންނެވެ. މި ބޭފުޅުންގެ ތެރެއިން ތިނަދޫ ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ވެސް އެމްޑީޕީން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށެވެ.
ފަސް ސިޓީގެ މޭޔަރުގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރި އިރު، ސިޓީތަކުގެ މެޖޯރިޓީ ވެސް އެމްޑީޕީއަށް ވަނީ ލިބިފަ އެވެ.



