އާޒިމްގެ އިންޒާރެއް: މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަންޏާ، މުޒާހަރާކުރާނަން

ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

މާލޭ ސިޓީ ކައުންސިލުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް އެއްބާރުލުން ދިނުމަށް ގޮވާލާ ކަމަށާއި މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަންޏާ، މުޒާހަރާކުރާނެ ކަމަށް މާލޭގެ މޭޔަރު އަދި އިންތިހާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލެއިން ކާމިޔާބު ހޯދީ އެއްވެސް މީހެއްގެ ގައިގައި އެލިނުގަނެ ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

ކުރިއަށްއޮތް 2028 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް މުޅި ރާއްޖެ ރީނދޫ ކޮށްލާނެ ކަމަށާއި ކެމްޕޭންގެ ތެރޭގައި މަލާމާތާއި ފުރައްސާރައާ ކުރިމަތިވީ ނަމަވެސް، އެމްޑީޕީއަކީ ފުރައްސާރައަކަށް ނުބަލައި މަސައްކަތްކުރާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކެމްޕޭންގެ ތެރޭގައި ޕީއެންސީ ދޮގު ވާހަކަތަކެއް ފަތުރައިގެން އުޅުނު ނަމަވެސް ރައްޔިތުންނަކީ އެ ވާހަކަތަކަށް ހެއްލޭނެ ބައެއް ނޫން ކަމަށާއި އެމްޑީޕީއަށް ކާމިޔާބީ ހޯދުނީ މެންބަރުންގެ ވަރުގަދަ މަސައްކަތުން ކަމަށެވެ. އަދި ރައްޔިތުން ކުރި އިތުބާރު ބޮލައިލާ ނުޖަހާނެ ކަމުގެ ޔަގީންކަން ވެސް އާޒިމް ދެއްވިއެވެ.

މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރުމަށް ސަރުކާރަށް އުނދަގޫ ކުރެވިދާނެ ކަމަށާއި ނަމަވެސް މެނިފެސްޓޯ ތަންފީޒުކުރުމަށް ކައުންސިލަށް އެއްބާރުލުން ދިނުމަށް ގޮވާލާ ކަމަށެވެ. އަދި އެއްބާރުލުން ނުދޭ ނަމަ، މަގުތަކަށް ނުކުމެ މުޒާހަރާކުރާނެކަމުގެ އިންޒާރު ވެސް އާޒިމް ދެއްވިއެވެ.