ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން (ސިނާ)ގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ. މިއީ އެންމެ މަތީ ކޯޓުގެ ހުކުމަކާއެކު ވިހިވަނަ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ.
ޕީއެންސީއަށް ނިސްބަތްވާ ސިނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ގާލިބް ސަލީމް ކިޔާ މީހެކެވެ.
އޭނާ އެ މައްސަލަ ހުށަހެޅީ ސިނާ އާއި އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނަކުން ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ އަނބުރާ ދައްކަން އޮކްޓޫބަރު 2024 ގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި ކަމަށް ބުނެ އެވެ.
ސިނާގެ ޣައިރު ހާޒިރުގައި މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް ދެއްކުމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސިނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީ ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
ހުކުމް އިއްވަވަމުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތިން ސިނާންގެ ފަރާތުން ފައިސާ ދައްކާފައި ނުވާކަން ސާބިތުވާ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ބުންޏަސް، ހުކުމް ކުރިކަން ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
”ސިނާންގެ ފަރާތުން އޭނާގެ މައްޗަށް ހުކުމް ކުރިކަން ނޭނގޭ ކަމުގައި ނުވަތަ ހުކުމް ލިބިފައިނުވާ ކަމުގައި ނުވަތަ ހުކުމް ނުކިޔާ ކަމުގައި ބުނާ ބުނުމަށް އެއްވެސް ބުރަދަނެއް ދެވޭނެ ހަމައެއް ނެތް.“ ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
އެ ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، އެ ބުނުމަށް ބުރަދަނެއް ނުދެވޭނެ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. އަދި ފައިސާ ހޯދަން އިސްލާމިކް ބޭންކުން ސ. ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލާގައި ސިނާންގެ ފަރާތުން ވަކީލަކު އައްޔަން ކޮށްފައި ވަނިކޮށް އެ މައްސަލާގެ ދިފާއު ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ސިނާންގެ ވަކީލް އެ މައްސަލައިން ތަނާޒުލްވެފައިވާކަން ވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.



