އެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމުން މަތީން އިސްތިއުފާ ދެއްވައިފި

އެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމުގައި ހުރި މަތީން ---

ސަރުކާރުގެ ފެންކުންފުނި، މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަބްދުލް މަތީން އިސްތިއުފާ ދެއްވައިފި އެވެ.

އެ މަގާމުން އިސްތިއުފާ ދެއްވިކަން މަތީން ހާމަކުރެއްވީ ސޯޝަލްމީޑިއާގައި ދާދި ދެންމެއަކު ކުރެއްވި ޕޯސްޓެއްގައި އެވެ. ނަމަވެސް، އެ މަގާމުން އިސްތިއުފާދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

މީގެ ކުރިން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ މަތީން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މަތީން އައްޔަނުކުރީ 28 ނޮވެމްބަރު 2023 ގައެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުން މަތީން އިސްތިއުފާ ދެއްވި އިރު، ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު ވެސް މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި މިދިޔަ ހަފުތާގެ ތެރޭގައި، އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.