ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނަކު ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ މިދިޔަ ހަފުތާގައި ހުން އައިސް، ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ މިލަންދުއަށް އުފަން، އުމުރުން 23 އަހަރުގެ ނަބްހާން އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަބްހާންއަށް ފުރަތަމަ ފަރުވާ ދިނީ މިލަންދޫ ސިއްހީ މަރުކަޒުގަ އެވެ. ނަމަވެސް، ހާލު ސީރިއަސްވުމުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިއުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ގެނައީ އިއްޔެ އެވެ.

ޑެންގީ ހުން ޖެހިގެން ޒުވާނަކު ނިޔާވި އިރު، މި މަހުގެ ނުވަވަނަ ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މާރިޗު މަހު އެކަނިވެސް 535 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މާރިޗު މަހަށްވުރެ 792 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މާރިޗު މަހު ޑެންގީ ޖެހިގެން ރިޕޯޓްކުރީ އެންމެ 60 ކޭސް އެވެ.