އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އައްޔަންކުރައްވައިފި އެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުލްމަތީން މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ސޯޝަލް މީޑިއާގައި ދެންމެ ކުރި ޕޯސްޓުގައި ބުނީ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑު މެމްބަރުކަމަށް، މ. ފަތަހަ، ފަހުމީ ހަމަޖައްސާފައިވާ ކަމަށެވެ.
ސްޓެލްކޯގައި 25 އަހަރު ހިދުމަތް ކުރެއްވި ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023 ގައެވެ. ނަމަވެސް 7 ސެޕްޓެންބަރު 2025 ގައި އޭނާ މަގާމުން ވަކިކުރި އެވެ. އޭނާ ވަކިކުރި ސަބަބެއް ސަރުކާރަކުން ނުބުނެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރުމަށްފަހު ފަހުމީ ދެން އައްޔަންކުރީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. އެއީ މިނިސްޓަރުގެ ފެންވަރުގެ މަގާމެކެވެ.



