ފިޝަރީޒް އާއި އެގްރިކަލްޗާ އެއްކޮށްލައި، މިނިސްޓަރަކަށް ޝިޔާމް

ފިޝަރީޒް އެންޑް އޯޝަން ރިސޯސް މިނިސްޓްރީއާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އެއްކޮށްލުމަށްފަހު، މިނިސްޓަރު އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްގެ މަގާމަށް އަހުމަދު ޝިޔާމް މިއަދު އައްޔަންކުރައްވައިފި އެވެ.

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަރިޔަމް މާރިޔާ އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ޝިޔާމަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޝިޔާމަށް މަގާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ. ހުވައި ކުރެއްވުމަށްފަހު، ޝިޔާމް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކުރައްވަން ނިންމަވައި، އިއްޔެ 12 ވަޒީރުން އައްޔަން ކުރައްވައިފަ އެވެ.