ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން، އޭރުން މަދަލުން ބަރަކާތް ކެނޑޭނެ 

ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫން ކަމަށާއި އެއީ މުދަލުން ބަރަކާތް ކެނޑޭނޭ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ވަކިބައެއްގެ އަތުގައި ހިފެހެއްޓިފައި ހުރުމުގެ ބަދަލުގައި، މުދަލަކީ ވެސް ދައުރުވާން ޖެހޭ އެއްޗެއް ކަމަށާއި ގިޔާމަތް ދުވަހު، އިރު ބޯމައްޗަށް ތިރިވެ، މީސްތަކުން ފިލާން ވަންނާނޭ ތަނެއް ނެތް ދުވަހު، މާތްﷲ ތިބާއަށް ދެއްވި މުދަލުން ދުނިޔޭގައި އިހުލާސްތެރިކަމާއެކު ހޭދަކުރި މީހާ، ހުންނާނީ މާތްﷲ ގެ އަރުޝީގެ ހިޔަލުގައި ކަމަށެވެ.

”ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫނެވެ. އެއީ މުދަލުން ބަރަކާތް ކެނޑޭނޭ ކަމެކެވެ. މި ވާހަކަތަކަކީ އަޑުއަހައިފައި ހަނދާން ނައްތައިލާ ވާހަކަތަކަކަށް ނަހަދާށެވެ! މިއީ ތިބާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނުވާނެ ވާހަކަތަކަކަށް ހަދާށެވެ! ލަސްނުކޮށް ޒަކާތް ދައްކާށެވެ! ދިރިއުޅުމާއިގެން މަޝްއޫލުވުމަކީ ޒަކާތް ދެއްކުން ފަސްކުރާން އޮތް އުޒުރެއް ނޫނެވެ! ޒަކާތް އޭގެ ހައްގުވެރީންނަށް ފޯރުކޮށްދޭށެވެ! މުޖުތަމައުގައި ޒަކާތުގެ ނިޒާމު ދިރުވާށެވެ! ޒަކާތް ދިނުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަދައްކާށެވެ! ދަރީންނަށް އެ ކަން އުނގަންނައިދޭށެވެ! މިއީ ވަކިވަކި ފަރުދުން ކުރާ ކަމެއްގެ ބަދަލުގައި، ނިޒާމެއްގެ ގޮތުގައި ދެމިއޮންނާނެ ގޮތް ހަދާށެވެ!..،“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ޒަކާތުގެ ސަބަބުން މުޖުތަމައަށް އަންނަ ހެޔޮ ބަދަލުތައް އިސްލާމީ ތާރީހު ދެކެފައިވާ ކަމަށާއި މަޝްހޫރު ޚަލީފާ އުމަރު ބުނު އަބްދުލްއަޒީޒު (رَحِمَهُ الله)ގެ ވެރިކަމުގައި، ޒަކާތުގެ ނިޒާމު ގާއިމުކުރެވުނީ އިންސާފުވެރިކަމާއި އަދުލުވެރިކަމުގެ މައްޗަށް ކަމަށެވެ.

ނަތީޖާއަކީ، ފަގީރުންނާއި މިސްކީނުންގެ ޙާލަތު ރަނގަޅުވެ، ދަރަނިވެރީން ދަރަނިތަކުން ސަލާމަތްވެ، ޒަކާތުގައި ހިފާނޭ މީހަކު ނެތި، ޒަކާތުގެ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުން ކަމަށާއި މުދަލު ޒަކާތަކީ މުޖުތަމައެއް ބިނާވެ، ކުރިއެރުމުގެ އެންމެ މުހިންމު އަސާސީ އެއް ބިންގާ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އިލާހީ ގާނޫނުތަކާއި ޒަކާތުގެ މި ނިޒާމަކީ، ޒަމާން ބަދަލުވުމުގެ ސަބަބުން ބާވެ، އުވޭނޭ ކަންތައްތަކެއް ނޫން ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު މުސްލިމު އާބާދީ އޮންނަ އިންޑޮނޭޝިއާގެ ޒަކާތުގެ އިދާރާއިން 2024 ވަނަ އަހަރު ނެރެފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ އަހަރެއްގެ ތެރޭގައި 1.35 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޒަކާތުގެ ސަބަބުން، ފަގީރުކަމުގެ ހާލަތުން ސަލާމަތްވެފައި ކަމަށެވެ. އޭގެ ތެރޭގައި އިންތިހާ ދަރަޖައިގެ ފަގީރުންގެ ތެރެއިން 720،000 އަށްވުރެ ގިނަ މީހުންގެ ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.

”މި އަދަދާ މެދު ފުންކޮށް ވިސްނައިލާށެވެ! ޒަކާތުގެ ގޮތުގައި އެ ގައުމުން ލިބޭނޭ ކަމަށް އަންދާޒާކޮށްފައިވާ މިންވަރަށް ވުރެ މަދު މިންވަރެއް ލިބުނު ނަމަވެސް، ޒަކާތުގެ ސަބަބުން މުޖުތަމައަށް އައިސްފައިވަނީ ހެޔޮ ބަދަލުތަކެކެވެ. މިއީ އެތައް މިލިއަން އިންސާނުންގެ ވާހަކައެވެ. އާއިލާތަކާއި، ކުޑަކުދީންނާއި، މައިންގެ ވާހަކައެވެ. މުސްލިމް އުންމަތުގެ ފަގީރުކަމަކީ ވަސީލަތްތައް ނެތުމާ ގުޅޭ މައްސަލައެއް ނޫނެވެ. އެއީ ޒަކާތް އަދާނުކުރުމާ ގުޅޭ މައްސަލައެކެވެ. މެލޭޝިއާގައި ޒަކާތުގެ އެހީގައި ތައުލީމު ހާސިލުކުރާ ނުވަތަ ވިޔަފާރި ފަށަން އެހީތެރިކަން ލިބޭ ފަގީރުންނާއި މިސްކީނުން، މަދު އަހަރުތަކެއްގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވެ، ޒަކާތް ދޭ މީހުންނަށް ބަދަލުވާކަމީ ފެންނާން އޮތް ހަގީގަތެކެވެ..،“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ މުދަލުގެ ނިސާބު ހަމަވެ، ނިސާބު ހަމަވީތާ ހިޖުރީ ގޮތުން އެއް އަހަރު ފުރިހަމަވުމުން، ޒަކާތުގެ ގޮތުގައި ނެރޭން ޖެހެނީ އެ މުދަލުގެ ޖުމުލަ އަދަދުގެ އެންމެ 2.5 އިންސައްތަ ކަމަށާއި އެއީ އެތައް މިލިއަން އިންސާނުން ފަގީރުކަމުން ސަލާމަތްކުރުމަށް ފުދޭ މިންވަރެއް ކަމަށެވެ. އަދި އެއީ ބޮޑު މިންވަރެއް ކަމަށް ތެދުވެރި އެއްވެސް މުސްލިމަކަށް ބުނަން ނުކުރޭހައި ކުޑަ މިންވަރެއް ކަމަށް ހުތުބާގައި ބުންޏެވެ.