ޗެއާޕާސަން ކަމަށް ނަޝީދު ވާދަކުރައްވަނީ، ރިޔާސީ ޓިކެޓަށް ނަޝީދުގެ ތާއީދު ފައްޔާޒަށް

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ނިންމަވައި، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ތާއީދުކުރެއްވުމަށް ނަޝީދު ނިންމަވައިފިއެވެ.

ނަޝީދު އެ ނިންމެވުންތައް އިއުލާންކުރެއްވީ ފައްޔާޒާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. އެ ބައްދަލުވުމުގައި ސަރުކާރުގެ ވެރިޔަކާއި ދައުލަތުގެ ވެރިޔަކު ހިމެނޭގޮތަށް ވެރިކަމުގެ ބާރުތަކަށް ގެންނަ ބަދަލުތަކާއި ގާނޫނުއަސާސީއަށް ގަންނަން އެބޭފުޅުން ވަނީ ބަދަލުތަކެއް ގަނައުމަށް ހުށަހަޅުއްވައިފައެވެ.

ނަޝީދު ވިދާޅުވީ އެ ބަދަލުތައް ގެނެވޭނީ އެ މަނިކުފާނު އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވަޑައިގެން ކަމަށް ގަބޫލުފުޅުކުރައްވާތީ، އެ މަގާމަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ފައްޔާޒް ރައީސްކަމަށް ގެންނަވަން ތާއީދުކުރައްވާ ކަމަށާއި އަދި ބަދަލުތަކާއެކު އުފެދޭ ދައުލަތުގެ ވެރިޔާގެ މަގާމަށް ޝައުގުވެރިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާރު ވެސް އެ ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި 2028 އަށް މަޑުކުރަން ނުޖެހޭ ކަމަށެވެ. އަދި އެ ބަދަލުތައް ގެނައުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.