ދެ ވެރިން ތިބެން ޖެހޭ ގޮތަށް ގެންނަ ބަދަލާއެކު ދައުލަތުގެ އިސްވެރިޔާގެ މަގާމަށް ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒާއެކު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ވެރިޔަކާއި ދައުލަތުގެ ވެރިޔަކު ހިމެނޭގޮތަށް ވެރިކަމުގެ ބާރުތަކަށް ގެންނަ ބަދަލުތަކާއި ގާނޫނުއަސާސީއަށް ގަންނަން އެބޭފުޅުން ވަނީ ބަދަލުތަކެއް ގަނައުމަށް ހުށަހަޅުއްވައިފައެވެ.
އެ ބައްދަލުވުމުގައި ގެންނަން ހުށަހަޅުއްވާ ބަދަލުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ފައްޔާޒް ވަނީ ހުށަހަޅުއްވައިފައެވެ. އޭގެ ތެރެއިން ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާ މުހިންމު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ގާނޫނުއަސާސީ ތަފްސީލުކުރުމާއި މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވުމަށް އޯވަސައިޓް ކޮމިޝަނެއް ގާއިމުކުރުމެވެ. އެ ކޮމިޝަނަށް ރައްޔިތުން މަޖިލީހުން މެންބަރުން އައްޔަންކުރަން ހުށަހެޅި ނަމަވެސް، ކޮމިޝަނުގެ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މިނިވަންކަން ދިނުމުގެ ގޮތުން، ފަނޑިޔާރު ވަކިކުރުމަށް ވެސް ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭ ގޮތަށް އިސްލާހު ގެނައުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ.
ދެން ހިމެނެނީ ވެރިކަމުގެ ވައްޓަފާޅިއަށް ގެންނަން ހުށަހަޅުއްވާ ބަދަލެވެ. އެއީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމަށް ގެންނަ ބަދަލެކެވެ. އެގޮތުން މިހާރެކޭ ވެސް އެއްގޮތަށް ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ސީދާ ވޯޓުން ހޮވާ ވެރިޔަކަށް ހެދުން ހިމެނެއެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައެޅައި، އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ހަމަޖެހިފައިވަނީ މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ހިމެނޭ ގޮތަށް އިންތިހާބީ މަގާމުތަކުގައި ހިމެނޭ ބޭފުޅުންގެ ވޯޓަކުންނެވެ. އަދި ރައްޔިތުން އިންތިހާބުކުރާ ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ.
އެ ޕްރެޒެންޓޭޝަނަށްފަހު ރައީސް ނަޝީދު ވިދާޅުވީ، ”އަޅުގަނޑު އެދެން ދައުލަތުގެ ވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް. އަޅުގަނޑު އެދެން އެ މަސައްކަތް އަޅުގަނޑު ކުރާއިރުގައި ސަރުކާރުގެ ވެރިޔާއަކީ ފައްޔާޒް އިސްމާއީލް ކަމުގައިވުމަށް،“ ކަމަށެވެ.
ގެންނަން އުޅެނީ ބަރުލަމާނީ ނިޒާމުތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ ސަރުކާރުގެ ވެރިޔާ އާންމު ރައްޔިތުން ހޮވުމަކީ ބަރުލަމާނީ ނިޒާމެއްގެ ސިފައެއް ނޫން ކަމަށާއި މިހާރު އޮތް ނިޒާމުގައި އޮތް މަސްހުނި ގޮތްގަނޑާއެކު އަދިވެސް ކުރިއަށްދަނީ މަސްހުނިކޮށްގެން ކަމަށެވެ. އަދި ވަކި ނިޒާމެއް ރާއްޖެއަށް ސްޓޭބަލް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
”އަޅުގަނޑުމެން މި ޖެހެނީ އަޅުގަނޑުމެންގެ އަމިއްލަ ގޮތްތަކެއް އޭގެ ތެރެއަށް ގެންނަން. އެގޮތުން ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިއެއް ހުރުމަކީ ބަރުލަމާނީ ސިފައެއް. ބަރުލަމާނީ ނިޒާމުގެ އެންމެ މުހިންމު އެއް ސިފައަކީ ސަރުކާރުގެ ވެރިޔާއަކީ ރައްޔިތުންގެ މެންބަރެއް އެކަމަށް އައުން، އެޔެއް ނޫން އަޅުގަނޑުމެން މި ހުށަހަޅާ ހުށަހެޅުމަކީ. ސަރުކާރުގެ ވެރިޔާއަކީ މިހާރު މި އޮންނަ ގޮތަށް. އަނެއްހެން ދަންނަވާ ނަމަ، މިހާރު ރައީސުލްޖުމްހޫރިއްޔާއަކީ ސަރުކާރުގެ ވެރިޔާއަށް އެ ބަދަލުވަނީ،“ އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ސަރުކާރުގެ ވެރިޔާއަކަށް ގެންނަ ބޭފުޅާއަށް ރަންނަބަނޑޭރިކިލޭގެފާނު، ދޮށިމޭނާ، ޗާންސެލާ ނުވަތަ ބޮޑުވަޒީރޭ ވެސް ކިއިދާނެ ކަމަށާއި ދައުލަތުގެ ވެރިޔަކަށް ގެންނަވާ ބޭފުޅާއަކީ ދައުލަތުގެ ފަރާތުން ވަކާލާތުކުރައްވާ ބޭފުޅާ ކަމަށެވެ. އަދި ދައުލަތުގެ ވެރިޔަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާކަން އޭނާ ފާހަގަކުރެއްވިއެވެ.



