ދަރަނީގެ މައްސަލައިގައި ސަރުކާރުން މަޝްވަރާގެ މޭޒުދޮށަށް އައުމަށް ނަޝީދު ގޮވާލައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ---

ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ދަރަންޏާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރުކާރުން މަޝްވަރާގެ މޭޒުދޮށަށް އައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެކްސްގައި ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ ރާއްޖޭގެ މާލީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސިޔާސީ ޕާޓީތައް ގުޅިގެން އެކަމަށް ހައްލެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު މި ހިނގާ އޭޕްރީލް މަހުގެ ނިޔަލަށް ދައްކަން ޖެހެއެވެ. އަދި މި ފައިސާ ދެއްކުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ލަސްކޮށްދީފައިވާ އިރު، ތިންވަނަ ފަހަރަށް ލަސްކުރުމަކީ އިންޑިއާގެ މާލީ ގަވާއިދުތައް ތަންދޭ ކަމެއް ނޫން ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކުރާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން އެ މަނިކުފާނުގެ ވާހަކަފުޅުން ދޭހަވެއެވެ.

އޭގެ އިތުރުން، 550 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑުގެ ފައިސާވެސް ދިވެހި ސަރުކާރުން މި މަހު ދައްކާފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ ޑޮލަރު ރިޒާވް އެއްކޮށް ހުސްވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖެ ޑީފޯލްޓްވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު މުޅި މާލީ ނިޒާމަށާއި، ސަރުކާރަށާއި އަދި އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް އެމަނިކުފާނު އިންޒާރު ދެއްވިއެވެ. މިއީ މުޅި ގައުމުގެ އިގުތިސާދީ ދުވެއްޔަށް ހުއްޓުން އަތުވެދާނެ ފަދަ ނުރައްކާތެރި ހާލަތެއް ކަމަށް ބެލެވެއެވެ.

މި މާލީ ދަތިކަމުން އަރައިގަތުމަށް، އިދިކޮޅު އެމްޑީޕީން ހުށަހަޅާ ބޮޑު ބަދަލުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރަނީގެ ކަންކަމާ ގުޅޭގޮތުން ހުރިހާ ފަރާތްތައް ގުޅިގެން މަޝްވަރާކުރުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އިންޑިއާ ސަރުކާރާއެކު ދައްކާ ވާހަކަތަކަކީ ހުރިހާ ސިޔާސީ ޕާޓީތަކެއް އެއްބަސްވެގެން ދެކެވޭ ވާހަކަތަކަކަށް ވެއްޖެނަމަ، އެ ވާހަކަތައް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ގައުމީ މަސްލަހަތު އިސްކޮށް، ސަރުކާރުން މަޝްވަރާގެ މޭޒުދޮށަށް އައުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވައިފައެވެ.