އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ކެޕްޓަން ޝަފީގު

އެމްޕީއެލްގެ އާ އެމްޑީގެ މަގާމަށް އައްޔަންކުރި ކެޕްޓަން ޝަފީގު ---

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް ކެޕްޓަން ހުސެއިން ޝަފީގު މިއަދު އައްޔަންކޮށްފި އެވެ.

ކެޕްޓަން ޝަފީގަކީ ކަނޑުދަތުރުފަތުރު މެނޭޖުކޮށް ބެލެހެއްޓުމުގެ ދާއިރާއިން 35 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ތަޖުރިބާކާރު ކެޕްޓަނެކެވެ. އެގޮތުން ކެޕްޓަނެއްގެ ގޮތުގައި 10 އަހަރު ބޭރު ދަތުރުތައް ކުރެއްވި އިރު، ބަލްކް ކެރިއާ، ޖެނެރަލް ކާގޯ އަދި ހެވީ ލިފްޓް ކަހަލަ އެކި ބާވަތުގެ ބޮޑެތި އުޅަނދުފަހަރުގެ ކެޕްޓަން ކުރެއްވި އެވެ.

އޭގެ އިތުރުން ޝަފީގަކީ އެމްޓީސީސީގެ ”މަހާޖައްރާފު“ގެ ފުރަތަމަ ދިވެހި ކެޕްޓަނެވެ. އެ މަގާމުގައި ހަތް މަސް ދުވަހު އޭނާ މަސައްކަތް ކުރެއްވި އެވެ.

ކެޕްޓަން ޝަފީގު ވަނީ މާސްޓާ މެރިނާ ސްޓްފިކެޓް އޮފް ކޮމްޕީޓެންސީ (އަންލިމިޓެޑް) އަދި އެޑްވާންސްޑް ޑިޕްލޮމާ އިން މެރިޓައިމް ސައިންސް ހާސިލުކުރައްވައިފަ އެވެ. އަދި އޭނާއަކީ ފަޅުވެރިން ތަމްރީނުކުރުމާއި އުޅަނދުފަހަރުގެ ރައްކާތެރިކަން ބެލެހެއްޓުމުގައި ދިގު މުއްދަތުގެ ތަޖުރިބާކާރެކެވެ.

އެމްޕީއެލްގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރިޝްވާން މި މަހުގެ ހަވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާއަކީ މި ސަރުކާރުގައި އެމްޕީއެލްގެ އެމްޑީގެ މަގާމު ފުރުއްވި ދެވަނަ ބޭފުޅާ އެވެ. މި ސަރުކާރުގައި އެމްޕީއެލްގެ ފުރަތަމަ އެމްޑީގެ މަގާމަށް އައްޔަންކުރީ މުހައްމަދު ވަޖީހު އިބްރާހީމް އެވެ.