ވިލިމާލެއިން ފުރި ތެޔޮ ބޯޓުން 2022 ވަނަ އަހަރު ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަންގެ މަރުގެ މައްސަލައިގައި ގދ. ތިނަދޫ/ މަނާރު، މުހައްމަދު ނިޒާމު 25 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ލިޓަންގެ މަރުގެ މައްސަލައިގައި ދައުލަތުން ނިޒާމުގެ މައްޗަށް ތިން ދައުވާއެއް އުފުލިއެވެ. އެއީ ގަސްތުގައި މީހަކު މެރުމާއި ވައްކަމާއި މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާއެވެ. މީގެ ތެރެއިން މަސްތުވާތަކެތީގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރުގެ ޖަލު ހުކުމެއް ކުރިން ވަނީ އިއްވައިފައެވެ. ނަމަވެސް މަރުގެ މައްސަލައިގައި ނިޒާމުގެ މައްޗަށް ސާބިތުވީ ގަސްތު މަރުގެ ކުށެއް ނޫނެވެ. ސާބިތުވީ އިންސާނެއްގެ ފުރާނައިގެ މައްޗަށް ފަރުވާލެއް ނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ކުށެވެ. އެ ކުށުގައި 25 އަހަރާއި ވައްކަމުގެ މައްސަލައިގައި އެއް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. ދައުލަތުން ތުހުމަތުކުރީ ލިޓަންގެ އަތުގައި ހުރި ފައިސާގެ ބޭނުމުގައި އޭނާ މޫދަށް ވައްޓައިލީ ކަމަށެވެ. މިއީ ހަށިގަނޑު ނުފެންނަނީސް މީހަކު މަރާލި ކަމަށް ބުނެ ރާއްޖޭގައި މަރުގެ ދައުވާއެއް ކުރި ފުރަތަމަ ފަހަރެވެ.
ހުކުމް އިއްވަވަމުން މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ ލިޓަންއާ އެކު ދަތުރުކުރި ކަމަށާއި މޫދަށް ވައްޓައިލި ކަމަށާއި ނަމަވެސް އެކަން ކުރީ ލިޓަން މަރާލުމުގެ ގަސްދުގައި ނޫން ކަމަށް ނިޒާމު ހައްޔަރުކުރި ވަގުތު ފުލުހުންގެ ގާތުގައި ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ހެކިބަސް ދީފައިވާ ކަމަށެވެ. ގަލުފަޅު ކިޔާ ސަރަހައްދަކަށް ލިޓަން ވައްޓައިލި ކަމަށް ނިޒާމުގެ ތަހުގީގީ ބަޔާނުގައި އެއްބަސްވެ، ކަން ހިނގި ގޮތް ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށް ވެސް ހުކުމުގައިވެއެވެ.
ގާޒީ ވިދާޅުވީ ލިޓަން ވައްޓައިލި ސަރަހައްދަކީ އިސްކޮޅު ޖެހޭ ތަންތަން ހުރި ނަމަވެސް ގިނަ އުޅަނދުތައް ދަތުރުކުރާ ސަރަހައްދަކަށް ވެފައި، ރޭގަނޑުގެ ވަގުތެއް ކަމުން، ކައިރީގައި ހިކިފަސް ތަނެއް ނެތުމުންނާއި ވެއްޓޭ ގޮތުން އަނިޔާ ލިބުމުގެ ފުރުސަތު އޮތުމުން ލިޓަން ސަލާމަތްވުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ތަހުގީގު ބަޔާން ނެގީ މަޖުބޫރުކޮށްގެން ކަމަށް ނިޒާމު ބުންޏެވެ. ނަމަވެސް ގާޒީ ފާހަގަކުރެއްވީ ބަޔާން ނެގީ ދިފާއީ ވަކީލެއްގެ ހާޒިރުގައި ކަމަށާއި، މަޖުބޫރުކުރި ކަމުގެ ޝަކުވާ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅި ކަމުގެ ހެއްކެއް ނިޒާމު ހުށަހަޅާފައި ނުވާ ކަމަށެވެ. ހަމައެއާ އެކު ބަޔާން ނެގި ވަގުތުގެ ވީޑިއޯ ފުޓޭޖުން ނިޒާމުގެ ފަރާތުން އެއްވެސް ހާސްކަމެއް ފެންނަން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
ލިޓަން ގެއްލުނު ދުވަހު އޭނާއާ އެކު ދަތުރުކުރީ ނިޒާމު އެކަނި ކަން ހެކިތަކުން ސާބިތުވާ ކަމަށާއި، ލިޓަން ފުރުމުގެ ކުރިން 90،000 އަށް ވުރެ ގިނަ ރުފިޔާ ނިޒާމުގެ އަތަށް ލިބުނު ކަން ހެކިންގެ ބަހުންނާއި ނިޒާމުގެ ތަހުގީގު ބަޔާނުން ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ. އެއްބަސްވެފައިވާ މިންވަރަށް ލިޓަންގެ އަތުން ފައިސާ ނުލިބޭ ކަމަށް ނިޒާމުގެ ބަޔާނުގައި ބުނެފައި ވާތީ، ފުރައިގެން ދިޔައިރު ލިޓަންއާ މެދު ނިޒާމުގެ އަދާވާތްތެރިކަން އޮތް ކަން ސާބިތުވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. ނަމަވެސް ގަސްތުގައި މީހަކު މެރުމުގެ ކުށް އިސްލާމީ ޝަރީއަތުގައި ބުނާ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.



